English Edition
Dhivehi Edition
ސީއެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ސީއެމްޑީއޭ

ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކެޕިޓލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލަކީ އެ އޮތޯރިޓީން ބޭނުންވާ ޝަރީޢާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުމަށްޓަކައި އުފައްދާފައިވާ ކައުންސިލެއް ކަމަށާއި، ކައުންސިލުގެ ޤަވާއިދުގެ ދަށުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އައު ކައުންސިލެއް އެކުލަވާލުމަށް ނިންމައި، ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޝަރީޢާއިން ނުވަތަ ފިޤްހު ނުވަތަ އުޞޫލުލް ފިޤްހު ނުވަތަ ފިޤްހު އަލްމުއާމަލާތުގެ ރޮނގުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ ބައިނަލްއަޤްވާމީ ސެކިއުރިޓީޒް ކޮމިޝަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓްކޮށްފައިވާ ޝަރީޢާ އެޑްވައިޒަރެއް ކަމުގައިވުން ނުވަތަ، އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ތަޖުރިބާ، އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާއިން ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން ހިމެނެެއެވެ.

އެ ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ސީއެމްޑިއޭ އިން ހުށަހަޅާ މައްސަލަތަކުގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުމާއި، އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރީޢާ ލަފާ އަދި ރޫލިންގ ދިނުމުގެ އިތުރުން އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރީޢާ ލަފާ ނުވަތަ ރޫލިންގ ދިނުން ހިމެނެއެވެ.

އެ ކައުންސިލްގެ މެންބަރުކަމަށް ހޮވޭ ފަރާތްތަކަށް، ކައުންސިލުން ބާްވާ ކޮންމެ ބައްދަލުވުމަކަށް 1،500ރ. ގެ އިނާޔަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓް 26 ވާ ބުދަ ދުވަހުގެ ނިޔަލަށް ސީއެމްޑީއޭ އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އެގޮތުން މެއިލްކުރަންވާނީ [email protected] އަށެވެ.