ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 94 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1311 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 64.42% އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2035 އަށް އަރާފައިވާއިރު، އިތުރު ބަޔަކު ރަނގަޅުވުމާއެކު އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 714 އަށް ވެއްޓިފައެވެ.
މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 34،677 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 341 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 462 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.