English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރެވެން ނެތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެވެ. އެކަން ހާމަކުރައްވައި ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓްކުރެވޭނެ ގޮތެއް ނެތުމާއި، ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް (ޕީޕީއީ) އަދި ފަރުވާދޭނެ އެކަށީގެންވާ ނިޒާމެއް ނެތުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

އެ ކުއްލި މައްސަލައިގައި ޝިޔާމް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަސީލަތެއް ޤާއިމްކޮށްފައިވާއިރު، 35،000 އަށްވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަލެއް ނަގައި ޓެސްޓް ކުރުމަށް ފްލައިޓެއް ޗާޓަރުކޮށްގެން މާލެއަށް ގެންދިއުމަކީ ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުންދާ ކަމަށާއި، ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީންވެފައި ނުވާ ކަމަށާއި، އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫ ފެސިލިޓީގެ މަސައްކަތް އަދިވެސް ނިމިފައި ނުވާކަންވެސް އެ ސިޓީގައި ޝިޔާމް ފާހަގަކުރައްވާފައި ވެއެވެ.

އަދި އައްޑޫގެ ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫ އާއި މީދޫގެ ރައްޔިތުންވެސް ޚިދުމަތް ހޯދަންޖެހޭއިރު، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީނު ކުރަންޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާ ދިނުމުގެ ރަނގަޅު ޕްލޭނެއް ނެތިއްޖެނަމަ، ވަރަށް ނުރައްކާތެރި ޙާލަތަކަށް ހިނގައިދާނެ ކަމަށްވެސް ޝިޔާމް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެހެންކަމުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އައްޑޫގައި ޓެސްޓް ކުރެވޭނެ ނިޒާމް ޤާއިމްކޮށް، ޕްރޮޓެކްޓިވް ގިއަރފަދަ ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާ ދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮވިޑް-19 އަށް ޓެސްޓްކޮށް ފަރުވާދެވޭނެ ނިޒާމެއް ވީ އެންމެ އަވަހަކަށް ޤާއިމް ކުރުމަށްވެސް ޝިޔާމް ވަނީ ގޮވާލައްވައިފަ އެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރެވެން ނެތުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާއިރު، ރަށުގައި ޓެސްޓް ކުރެވޭނެ ގޮތެއް ނެތި ކޮންމެ ސާމްޕަލެއް މާލެ ފޮނުވަންޖެހުމާއި ގުޅިގެން އައްޑޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކޮންމެވެސް ވަރަކަށް ޕީޕީއީ އެބަހުރި ކަމަށާއި، ނަމަވެސް އެކަށީގެންވާ މިންވަރަކަށް ޕީޕީއީ ނެތް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިދިޔަ ހުކުރު ދުވަހު އައްޑޫން މާލެ ގެންދިޔަ ބަލިމީހަކު ކޮވިޑް-19 އަށް ޓެސްޓްކުރިއިރު ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މި ސިޓީ ފުރަބަންދުކުރި އެވެ. އެހެންނަމަވެސް ފަހުން ނެގި ދެ ސާމްޕަލްވެސް ނެގެޓިވްވެ، އެއީ ފޯލްސް ޕޮޒިޓިވްއެއް ކަމަށް ކަނޑައަޅައި، އައްޑޫގެ ފުރަބަންދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އުވާލައިފަ އެވެ.