English Edition
Dhivehi Edition
އިންޑިއާގެ އައިއެންއެސް ކޭސްރީ މަނަވަރުގައި ރާއްޖެއަށް ގެންނަ ކާބޯތަކެތި ބަރުކޮށްފައި/ފޮޓޯ ހައިކޮމިޝަން

 

ރާއްޖެއަށް އިންޑިއާއިން 580 ޓަނުގެ ކާބޯތަކެތީގެ ހިލޭ އެހީ މިއަދު ލިބޭނެއެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު އައިއެސްއެސް ކޭސަރީ އިން ގެންނަ މި ޝިޕްމެންޓުގައި ހިމެނެނީ

200 ޓަނުގެ ހަނޑޫ

140 ޓަނުގެ ގޮދަން ފުށް

90 ޓަނުގެ ހަކުރު އަދި

120 ޓަނުގެ ރީނދޫ މުގެވެ.

އިންޑިއަން ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ މިއީ ދެޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް ފޯރުކޮށްދެވޭ ރޯދަ ހަދިޔާ އެއް ކަމަށެވެ.

ކޮވިޑް 19 ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެން ފެށިފަހުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޯނުން ގުޅުއްވާ މިފަދަ ކާރިސާއަކާއި ޤައުމުތަކުން ކުރިމަތިލާއިރު ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން އަރައިގަތުމާއި ބެހޭ ގޮތުން މަޝްވަރާކޮށް ރާއްޖެއަށް ކާބޯތަކެތީގެ އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކަށް ނަމޫނާ ދައްކަވަމުން އިންޑިއާގެ ޢަސްކަރީ މަނަވަރު ރާއްޖެއަށް އެހީގެ ތަކެއްޗާއެކު މިސްރާބު ޖަހާފައިވާ އިރު މި މަނަވަރު ދެން ބަނދަރު ކުރުމަށް ހަމަ ޖެހިފައިވަނީ އިންޑިއާ ކަނޑުގައިވާ ޖަޒީރާ ޤައުމުތަކުގެ ތެރެއިން މޮރިޝަސް،ސީޝެލްސް،މަޑަގަސްކަރަ އަދި ކޮމޮރޮސް އަށެވެ.

 

ކޮވިޑް 19 ދުނިޔޭގައި ފެތުރި ޤައުމު ތަކުގެ ދޮރާށިތައް ބަންދުވެ ރާއްޖެއަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ވޭތުވެ ދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭ އިންޑިއާއިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ސިއްޙީ މާހިރުންގެ ޓީމްތައް ފޮނުވުމާއި،ޗައިނާއިން ފުރަތަމަ ބަލިފެނުން ވޫހާން ގައި ތާށިވެފައިތިބި ދިވެހިން ސަލާމަތްތެރިކަމާއެކު އެޤައުމުން ގެނެސް އިންޑިއާގައި ކަރަންޓީން ކޮށް މުއްދަތު ހަމަވުމުން ރާއްޖެއަށް ލައިދިނުމާއި ބޭހުގެ ޝިޕްމަންޓްތައް ރާއްޖެއަށް ފޯރުކޮށްދިނުމުގެ އިތުރަށް ކޮވިޑް 19 އިން ސަލާމަތް ވުމުގައި ވެދެވެން ހުރި އެހީތެރިކަމަކާއި ޢިލްމީ އުކުޅުތައް ޙިއްސާ ކުރުން ހިމެނެއެވެ.