English Edition
Dhivehi Edition

ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަން 15 ކިއޮސްކު ދިރާގުން ހެލްތު މިނިސްޓްރީއަށް ހަދިޔާ ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް19އާ ގުޅޭ ސާމްޕަލްތައް ނެގުމުގައި ބޭނުންކުރުމަށް 15 ކިއޯސްކް ދިރާގުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ޕްރިންޓް ލެބުން ޑިޒައިންކުރި އެތަކެތި ބޭނުންކުރަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި ސާމްޕަލް ނެގުމަށެވެ.

ސާމްޕަލް ނަގާ ކިއޮސްކުތަކަކީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓުތަކުގެ ބަދަލުގައި، ސާމްޕަލް ނެގުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ. މީގެ ސަބަބުން ޕީޕީއީ ކިޓު ބޭނުން ކުރާ މިންވަރު މަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ސާމްޕަލް ކިއޮސްކު ހަދާފައި ވަނީ ސާމްޕަލް ނަގާ ހެލްތު އޮފިޝަލާއި ބަލިމީހާއާ ދެމެެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށެވެ. އެހެންކަމުން، ސާމްޕަލް ނަގާ މީހާއަށް މީގެ ސަބަބުން ރައްކާތެރިކަން އިތުރަށް ޔަގީން ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިތަކެތީގެ ސަބަބުން މިހާރު ދުނިޔޭގައި ވެސް އެތަކެއްޗަށް ޑިމާންޑު ބޮޑުވެފައިވާ އަންގި، ސޫޓު ފަދަ އަމިއްލަ ރައްކާތެރިކަމަށް ބޭނުންކުރާ ޕީޕީއީ އިކުއިޕްމަންޓްތައް ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ދިރާގުން ބުނީ މި ކިއޯސްކުތަކަކީ ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ވެވޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށާއި ޕީޕީއީ ލިބުމުގައި ދަތިވެފައިވާ މި ދުވަސްވަރު ކިއޮސްކު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ސާމްޕަލް ނެގޭނެ ކަަމަށެވެ.

ދިރާގުން ބުނީ ރާއްޖެ ވެއްޓިފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ކުންފުނިން އެހީތެރިވާނެ ކަމަށެވެ.

 

ޓެގު