English Edition
Dhivehi Edition

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ސިފައިންގެ ޢަދަދު 20ށް އަރާފައިވާކަމަށްް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 ގެ ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ 29 އޭޕްރީލް ގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ “އެމްއެންޑީ” ކްލަސްޓަރ އަށް ނިޞްބަތްވާ މީހުން ކަމަށެވެ. އެމްއެންޑީ ކްލަސްޓަރ އަކީ ސިފައިންނަށް ނިޞްބަތްވާ ކްލަސްޓަރ އެވެ.

މީގެތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރު ސިފައިންނާއި، ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ ސިފައިންނެވެ. އަދި އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވަރކްޝޮޕް (އެމްއީއެމްއީ) އިން 14 ސިފައިން ހިމެނޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ޑރ އަފްޒަލް ވިދާޅުވީ ޚާއްޞަގޮތެއްގައި އެމްއެންޑީއެފްގެ ކްލަސްޓަރއަށް ވުމުން ވަރަށް ގަދައަށް ކޮންޓެކްޓް ޓްރޭސިންގެ ބައި ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް ޕޮޒިޓިވްވި ސިފައިންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ހޯދިފައިވާ މީހުންގެ ޢަދަދެއް ޑޮކްޓަރު ވިދާޅެއް ނުވެއެވެ. ޑޮކްޓަރު ވިދާޅުވީ އެ މަޢުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަަމަށެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވީ ސިފައިންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، ރޯގާއާ ދެކޮޅަށް ކުރާ މަސައްކަތާ ސިފައިން ކުރިމަތިލާނީ ކެރިިގެން ކަމަށާއި އަޒުމު ނުގުޑާނެ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ސިފައިންގެ 20 އޮފިސަރަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ގިނަ އަދަދެއްގެ ސިފައިން އެކަހެރިކޮށްފައިވާއިރު ޗީފް އޮފް ޑިފެންސް ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، މައްޔިތާގެ ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޖެހިލުންކުޑަ ޖަމާއަތްތެރިންނަށް ސެލިއުޓް ކުރައްވައިފަ އެވެ.

ކޮވިޑް-19 އަށް ސިފައިންގެ މީހަކު ޕޮޒިޓިވް ވެފައިިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 41 މީހަކު ތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.