މަޝްހޫރު އިނގިރޭސި ބޭންޑް ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު އަދި ޒުވާން ލަވަ ކިއުންތެރިޔާ ޒޭން މާލިކް ގެ ލޯބިވެރިޔާ ސުޕާ މޮޑެލް ޖީޖީ ހާޑިޑް އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަ ބަލިވެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ދެތަރިން އަދި މި ވާހަކަ ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އެމީހުންގެ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޖީޖީ ހާޑިޑް އިނީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެކަމަށާއި މިހާރު އޭނާގެ ބަނޑަށް 20 ހަފްތާ ކަމަށެވެ. އަދި އެ ދެތަރިން މިކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށާއި އެމީހުންނަށް ލިބެން އުޅޭ ކުއްޖާގެ ޖިންސުވެސް މިހާރު އެގިފައިވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. މި ދުވަސްކޮޅު ޖީޖީ ގެ ފާމް ހައުސްގައި ދެ ތަރިން އެކުގައި ކަރަންޓީންވެގެން ތިބި އިރު ޖީޖީގެ ދައްތަވެސް އުޅެމުންދަނީ އެމީހުންނާއެކު ފާމް ހައުސްގައެވެ.
2015 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު ޒޭން އާއި ޖީޖީގެ މެދުގައި ތަފާތު ކުދިކުދި މައްސަލަތައް ޖެހި އަރާރުންވުން އިތުރުވެ ވަރަށް ގިނަ ފަހަރު ދެ ތަރިންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާއިރު، މިދިޔަ 2018 ވަނަ އަހަރުވެސް މި ދެތަރިންވަނީ ރުޅިވެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޑިސެމްބަރުމަހު ޖީޖީ އާއި ޒޭން އަލުން ގުޅުނުކަން އިއުލާންކޮށްފައިވާއިރު ޖީޖީ ވަނީ މިދިޔަ ހަފްތާގައި އޭނާގެ އުފަން ދުވަސް ފާހަގަކޮށް ޒޭން އާއި އެކު ނަގާފައިވާ ފޮޓޯއެއްވެސް މީޑިއާގައި ހިއްސާކޮށްފައެވެ.