English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ރާއްޖެއިން އަނެއްކާވެސް އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ނުވަ މީހުންނާއި، އިންޑިއާގެ ހަތަރު މީހުންނާއި ތިން ދިވެހިންނެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 245 އަށް އަރައިފަ އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 115 ބަންގްލަދޭޝް މީހުން ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 94 މީހުންނެވެ. އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެދުވަހު ޖުމްލަ 73 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް އޮކްސިޖަން ދެމުން އަންނަ ކަމަށް ސަރުކާރުން ރޭގައި ބުނެފައި ވެ އެވެ. އެއީ ޕާކިސްތާނުގެ ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެންމީހާ އެވެ.