English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ "ގަނޑަވަރި ފަންނު" ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީގައި މީހުން އެއްވެ އުޅޭ ބައެއް ސަރަޙައްދުތަކުގައި ހުރި ޖޯލިފަތިތައް ނެގުމަށް އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ އެކިއެކި ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިތަކަށް މީހުން އެއްވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށްޓަކައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ޞިއްޙީ މާހިރުން ފާހަގަކުރައްވާ މުހިންމު އެއް ކަމަށްވާއިރު، ޖޯލިފަތިތަކާއި ފިނިމައިޒާން ފަދަ ތަންތަނަށް އެއްވެ އުޅުމަކީ މިފަދަ ޙާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އެހެންކަމުން އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޖޯލިފަތިތައް، އޭޕްރީލް 29 ވަނަ ދުވަހުގެ 18:00ގެ ކުރިން ނެގުމަށް އެ ތަކެތީގެ ވެރިފަރާތްތަކަށް އަންގާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި އެކި ތަންތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް މި ތާރީޚުގެ ކުރިން ނުނަގާނަމަ، ކައުންސިލުން އެތަކެތި ނަގާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އައްޑޫގެ އެކި ހިސާބުތަކުގައި ހުރި ޖޯލިފަތިތައް ނެގުމަށް އަންގާފައިވާއިރު، ހުޅުދޫ އާއި މީދޫގެ ގިނަ އާންމު ސަރަޙައްދުތަކުގައި ޖޯލިފަތިތައް ބަހައްޓާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވުމާއެކު އަމިއްލަ ތަންތަނާއި ޢާއްމު ތަންތަނުގައި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

އެގޮތުން ޕާކް ތަކާއި ފިނި މައިޒާން ތަކާއި ޖޯލި ފަތި ތަކުގައި މަޑު ކޮށްގެން ނުތިބުމަށާއި މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅަކަށްވާތީ އެކަމަށް އިހުމާލު ނުވުމަށް ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ބޭރުތެރޭ ޢާއްމުން އެއްވެ ނޫޅުމަށް އެންގި އެންގުމާއި ޚިލާފުވާ ފަރާތްތައް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ޤާނޫނުގެ ދަށުން 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫސިޓީގައި ވަނީ ވިޔަފާރިކުރާ ހުރިހާ ތަނެއް ބަންދުކޮށް ޑެލިވަރީ ގެ ޚިދުމަތް އެކަނި ދެވޭގޮތަށް ހަދާފައެވެ. އަދި އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް މުހުތާދެއްނެތި އެއްވެސް ބަަޔަކަށް ނޭރޭނެ ގޮތަށް އަވަށްތައް ވަނީ ބަންދުކޮށްފައެވެ.