English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވެލިދޫ ކަރަންޓީނު ފެސިލިޓީގައި އެކަހެރި ކޮށްފައި ތިބި ދެ ދިވެއްސަކު ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން އެ ދެ މީހުންވެސް ކޮވިޑް-19 ޓެސްޓަށް ދެ ފަހަރު ނެގެޓިވްވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު 05 ދިވެހިންގެ ތެރެއިން ރަނގަޅުވި ދިވެހިންގެ އަދަދު 03 އަށް އެރީއެވެ. އަދި މިހާރު ފަރުވާދެމުން ދަނީ ދެ ދިވެހިންނަށެވެ.

ރާއްޖެއިން މިހާތަނަށް 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ 16 މީހުން ވަނީ މިހާރު އެ ބަލިން ރަނގަޅުވެފަ އެވެ.

އަދި މުޅި ދުނިޔެއިން ކޮވިޑް-19 އަށް 1,951,042 މީހުން ޕޮޒިޓިވްވެފައިވާއިރު، 122,731 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ. އަދި އެ ބަލިން ރަނގަޅުވެފައި ވަނީ މިހާތަނަށް 460,718 މީހުންނެވެ.