English Edition
Dhivehi Edition
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް - ފޮޓޯ: 123އާރްއެފް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި ހިނގާ އޭޕްރީލް މަހުގެ 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާއިރު، ބިދޭސީން ކުޑަކުދިންނަށް އެކިވަރުގެ ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓްކުރާ މިންވަރުވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.