English Edition
Dhivehi Edition

މޯބައިލް ފޯނުގެ ސިގްނަލް ބޫސްޓަރާއި ރިޕީޓަރ ފަދަ ތަކެތި އަމިއްލައަށް އިންސްޓޯލްކޮށްގެން ބޭނުން ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ، ކޭމްއިން އެދިއްޖެ

ރާއްޖޭގެ މުވާޞަލާތީ ޚިދުމަތުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޭމް އިން ރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށް އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބާރުގަދަ ރިޕީޓަރު ފަދަ ތަކެތި މިގޮތަށް ބޭނުންކުރުމުން އެ ބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވި ނަމަވެސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވޭ އަސަރު ކުރާކަމަށާއި އޭގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަން އެއިޢުލާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިސަބަބާއިހެދި މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރުމަށް އެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޭމްއިން ބުނީ މިކަމާ ގުޅޭގޮތުން މޯބައިލް ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެންގުމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ.

ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުމުން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި އެފަދަ މައްސަލަތައް އެ އޮފީހުގެ ނަމްބަރު 3030300 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ހުށަހެޅުމަށް ކޭމްއިން އެދިފައިވެއެވެ.