English Edition
Dhivehi Edition

އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ދެއްވެވި ޚިތާބުގައި ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ޚިދުމަތަކަށް ބަދަލުވިފަހުން އަދި މިވީ އެންމެ 16 އަހަރުކަމަށާއި އެ ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ބިނާކުރަމުން އަންނަ ފުލުހުންގެ ޓްރޭނިން ސްކޫލް ހަދަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. އެތަނުގެ އަމަލީ މަަސައްކަތް 2017 އިން ފެށިގެން ކުރަމުން އަންނަ އިރު، އެ ސަރަހައްދުގެ މޫދާވީ ފަޅިން ވެސް ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންތެއް ވެސް ލައިފަ އެވެ.

މި ޓްރޭނިން ސެންޓަރަކީ ފެބްރުއަރީ، 8، 2012 ގައި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލް ގައި ރޯކޮށް އަންދައިލުމުން، ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ހިންގައިދޭ މަޝްރޫއެކެވެ. ސީދާ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެތަނުގެ ހުރިހާ މަސައްކަތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަ ކުރާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.

ފުލުހުންގެ ތަމްރީނުތަކަށް އެކަނި އެ ތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސް އާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއުނިޓީގެ ތަމްރީނުތައް ހިންގޭނެ ތަނަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލަފާ ދެއްވާފައިވާ ކަމަށް މީގެ ކުރިން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.