English Edition
Dhivehi Edition

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި، ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ފުލުހުން ވިދާޅުވީ އެ ސަރވިސް ގެ ފަރާތުން އެޅުމަށް ނިންމާފައިވާ ފިޔަޅުތަކުގެ ތެރޭގައި ކެއުން ބުއިމުގައި ކުރެވޭ ޚަރަދު ކުޑަކުރުން، ޞިއްޙީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުން، ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ޤާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވި އެވެ.

މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފުލުހުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލުމާއި، އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލުމާއި، ކަރަންޓާއި ފެނުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލުމާއި، ކޭޓަރިންގ އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރުމާއި މީގެ އިތުރުން، އަދިވެސް އިތުރު ޚަރަދުތައް ކުރުން މަދުކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.

“އިސްރާފު ނުކުރުމަށާއި، އިތުރު ޚަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ވަނީ 2020 މާރިޗް 15 ވަނަ ދުވަހު އަންގާފައެވެ.” ފުލުހުން ވިދާޅުވި އެވެ.

އެއްވެ އުޅުންތައް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާއިރު ފުލުހުން ވިދާޅުވީ ގިނަ މުވައްޒަފުން އެއްތަނަކަށް އެއްވެ އުޅެން ނުޖެހޭނެފަދައިން މަސައްކަތްތައް ރޭވުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ބާއްވާ ‘މަސްޓަރ ޕެރޭޑް’ ތައް ބޭއްވުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 ކޭސް ރިޕޯޓުކޮށްފައިވާއިރު ވައިރަހަށް ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންނެވެ. ވައިރަހާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާ ތަކުން އަންނަނީ އިގްތިސާދަށް ކުރާނެ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މެމްބަރުންގެ މުސާރަ ކުޑަ ކުރުމާއި ކޮށްތު ކަނޑާލުން ހިމެނެ އެވެ.