އައްޑޫ ސިޓީ އާއެކު ޖުމްލަ ހަ ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ދެ ލޮޓަކަށް ބަހާލާފައިވާ ކަމަށެވެ. އެގޮތުން ލޮޓް 01 ގައި ހިމެނެނީ އައްޑޫ ސިޓީގައި 10 މެގަވޮޓް ފްލޯޓިންގ ސޯލާ ޕީވީ ހަރުކުރުން ކަމަށްވާއިރު، ލޮޓް 02 ގައި ހިމެނެނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައި 11 މެގަވޮޓް ލޭންޑް ބޭސްޑް ސޯލާ ޕީވީ ހަރުކުރުމެވެ.
އެ އިއުލާނުގައިވާ ގޮތުން މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ “ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް” ޖުލައި 2016 ގެ ރިވައިޒްޑް ނޮވެންބަރު 2017 އަދި އޮގަސްޓް 2018ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.
ޕްރީކޮލިފިކޭޝަން ޕްރޮސެސްގައި ބައިވެރިވުމަށްޓަކައި 2020 ޖަނަވަރީ 30 އިން 2020 މެއި 13 އަށް މިނިސްޓްރީ އޮފް ފިނޭންސްގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2020 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.