English Edition
Dhivehi Edition

މައްސަރު ދުވަސްވަރުގައި ބޭނުންކުރާ ޕެޑް ހުރިހާ އަންހެނުންނަށް ހިލޭ ލިބޭ ގާނޫނެއް ސްކޮޓްލޭންޑުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށްފިއެވެ.

112 މެންބަރުންގެ ވޯޓާއެކު ފާސްކުރި މި ގާނޫނަކީ އަންހެނުންނަށް ދިމާވާ މައްސަރު ކަންތައް މުޖުތަމަޢުން ދެކޭ ގޮތް ބަދަލުކުރުމަށާއި އަދި ޖިންސީ ހަމަހަމަކަން އެއީ ސީރިއަސްކަމެއްގެ ގޮތުގައި އެޤައުމުން ނަގާކަން ހާމަވެގެންދާ ކަމަށް ހެދުމުގެ މަގުސަދުގައި ކަމަށް މަޖިލިހަށް ބިލް ހުށަހެޅުއްވި މެމްބަރު މޮނިކާ ލެނަން ވަނީ ވިދާޅުވެފައެވެ.

މިޤާނޫނުގައިވާ ގޮތުން މުޖުތަމަޢުގައި ޢާންމުން ދިރިއުޅޭ ޞަރަޙައްދުތަކުން ކަނޑައަޅާ ވަކިތަންތަނުން ސެނިޓަރީ ޕެޑް ހިލޭ ލިބޭ ގޮތައް ހަމަޖައްސަންޖެހެއެވެ. އޭގެ ތެރޭގައި ޔޫތު ކްލަބު ތަކާއި ފާމަސީތަކުން ވެސް ސެނިޓަރީ ޕްރޮޑަކްޓްސްތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.

ސްކޮޓްލޭންޑުގައި މައްސަރު ޕެޑް ހުރިހާ އަންހެނުންނަށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިގެން މިދިޔައީ ފައިސާ ލިބުމުގެ ދަތިކަމާ އެކު ސެނިޓަރީ ޕްރޮޑަކްޓްތައް ހޯދުމަށް އޮތް ގޮންޖެހުން ނައްތާލުމުގެ މަސައްކަތް އެ ޤައުމުގެ އޮފިޝަލުން ކުރަމުންދަނިކޮށްނެވެ. ވިމެން ފޮރ އިންޑިޕެންޑެންސްގެ ސަރވޭ އިން ދައްކާ ގޮތުގައި ސްކޮޓްލޭންޑްގައި ގާތްގަނޑަކަށް ކޮންމެ ފަސް އަންހެނަކުން އެކަކީ ފައިސާ ނުލިބިގެން ސެނިޓަރީ ޕެޑް ނުގަނެވޭ މީހުންނެވެ.

ސްކޮޓްލޭންޑުން މީގެ ކުރިން 2018 ވަނަ އަހަރު ވަނީ އެ ގައުމުގެ ސްކޫލްތަކާއި ކޮލެޖް ތަކުގެ އިތުރުން ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ވެސް ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭދޭން ފަށާފައެވެ.

ސްކޮޓްލޭންޑުގެ އާ ގާނޫނަށް ގެނައި މި ބަދަލާއެކު ސެނިޓަރީ ޕެޑް ގަތުމަށް އަހަރަކު 31.2 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފައެވެ. މިއީ އަންހެނުންނަށް ޚާއްޞަކޮށްގެން މިފަދަ ބިލެއް ފާސްކުރި ފުރަތަމަ ޤައުމެވެ.