ރަހުމަތްތެރިކަމުގެ ދަތުރެއްގައި އިންޑިޔާގެ ދެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވީ އިންޑިއަން ކޯސްޓްގާޑުގެ 2 މަނަވަރު، “އައިސީޖީއެސް ވީރާ” އާއި “އައިސީޖީއެސް އަބީކް” މިމަހުގެ 18 އިން 20 އަށް ރާއްޖެއަށް ރަހުމަތްތެރިކަމުގެ ދަތުރެއްގައި އައިސްފައިވާ ކަމަށެވެ.
އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރަކީ ޒަމާނުއްސުރެ ރަހުމަތްތެރި ދެ ސަރުކާރެވެ. ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވުމުގައި އިންޑިޔާ ސަރުކާރު ފާހަގަ ކޮށްލެވެއެވެ. އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ރާއްޖޭގެ ދިފާއީ ބާރާއި އެކީ އެކި އެކި ތަމްރީނުތަކާއި ފަރިތަކުރުންތަކުގައިވެސް އިންޑިޔާ ސަރުކާރުން އެހީވެދެއެވެ.
ރާއްޖެއާއި އިންޑިޔާ އާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކުރީ ސަރުކާރުގައި ހީނަރުވެފައިވީނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މި ގުޅުން ވަނީ އަލުން ބަދަހި ވެފައެވެ. އަދި ކުރިއެކޭ އެއްގޮތަށް ދެޤައުމުގެ އިސްވެރިންވެސް އެކި ކަންކަމުގައި ދެ ޤައުމަށް ދަތުރުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.