English Edition
Dhivehi Edition

ދެހާސް އަށްވަނަ އަހަރުން ފެށިގެން ދެހާސް ބާރަވަނަ އަހަރާ ހަމައަށް ރާއްޖޭގައި ކުރިވެރިކަމުގައިވަނީ ސިއްހީދާއިރާ ފުނޑުފުނޑުކޮށްފައި ކަމަށް އެޗުއާރުއެޗުގެ ޑެޕިޔުޓީ މެނޭޖަރު ޚަދީޖާ ހަފްސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރަށް ތާއީދުއޮންކަން ހާމަކުރުމުގެ ގޮތުން ހިތަދޫ ޔޫތުސެންޓަރު ކައިރީގައި މިއަދު ހަވީރު ޕީޕީއެމްއިން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއަށް މީހުން ތާއީދުކުރަނީ އެޕާޓީގެ ކުލަރީތިވެގެން ކަމަށް ބައެއް މީހުންނެފައިވާކަމަށެވެ. “ހަމައެކަނި ކުލަރީތިވެގެންނެއްނޫން، ސަރުކާރުން ކޮށްދެއްވާ ކަންކަން ޗާލުވެފައި ފުރިހަމައީ،” އޭނާ ވިދާޅުވިއެވެ.

ހަފްސާ ވިދާޅުވީ 2008 އިން 2012 ރާއްޖޭގައިއޮތް ވެރިކަމުގެ ފަރާތުންވަނީ ސިއްހީދާއިރާ ފުނޑުފުނޑު ކޮށްލައިފައި ކަމަށެވެ. އެދުވަސްވަރުތިބި ތަޖުރިބާކާރު ބައެއް ބޭފުޅުންނާއި ފޫޅުމައިންވެސް ވަޒީފާއިން ކަނޑައި ގެއަށް ފޮނުވައިލީ ކަމަށް އޭނާވިދާޅުވިއެވެ. އޭގެ ގެއްލުން އަދިވެސް ފޫނުބެދޭ ކަމަށް ޚަދީޖާ ހަފްސާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ގެންދަވަނީ މީހުނަށް ވަޒީފާދީ އެންމެންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދޭން ކަމަށް އޭނާވިދާޅުވިއެވެ.

ހަފްސާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފެއްޓެވުމަށްފަހު ބޮޑެތި ހެޔޮބަދަލްތައް ސިއްހީ ދާއިރާއަށް ގެންނަވަން ފެށްޓެވި ކަމަށެވެ. އެގޮތުން ހޮސްޕީޓަލްތކުގައި ބޭނުންކުރަން ދީފައިވާ ލޯންޗުތަކުގެ ތެރެއިން ހާލަކުވެފައިވާ ލޯންޗުތައް މރާމާތުކޮށް ހުރިހާ އެއްޗެއް އަލުން ޚދުމަތަށް ނެރުއްވި ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ބޭނުންކުރެވޭ ހާލަތުގައި އޮތީ އެންމެ 4 ލާންޗު ކަމަށް ހަފްސާ ވިދާޅުވިއެވެ. އެހެންނަމަވެސް އެދަދު މިހާރުވަނީ 26 އަށް އިތުރުވެ ސީއެމްބިޔުލާންސްގެ ޚިދުމަތް ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ތިން އަހަރުތެރޭ ސަރުކާރުންވަނީ ރާއްޖެއަށް 84 އެމްބިޔުލާންސް ގެނެސް ރަށްރަށަށް ބަހައިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އައްޑޫ ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިސަރުކާރުންވަނީ ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހޮސްޕިޓަލް އަޅައިނިމި އަންނަ އަހަރު ފަހުކޮޅު ހުޅެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަންކަމަށް ބަލާއިރު 2018 ވަނަ އަހަރު އިންތިޚާބުގައި ރައީސް ޔާމީނަށް އެންމެންވެސް ތާއީދު ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޓެގު