English Edition
Dhivehi Edition
ލޭބާ ޕާޓީ އާއި ރަޖިސްޓްރޭޝަން ސެޓްފިކެޓު ހަވާލުކުރަނީ - ފޮޓޯ: އީސީ

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކުރި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ފުރަތަމަ ޤައުމީ ކޮންގްރެސް ރޭ ބާއްވައިފި އެވެ.

ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ރޭ ކުރިއަށްގެންދިޔަ އެ ޕާޓީގެ ޤައުމީ ބައްދަލުވުމުގައި ވަނީ ޕާޓީގެ އަސާސީ ޤަވާއިދަށް 25 އިސްލާޙެއް ގެނެސް، ޕާޓީގެ ލީޑަރޝިޕް ކޮމިޓީވެސް އިންތިޚާބުކޮށްފަ އެވެ. އެޕާޓީގެ ލީޑަރޝިޕް ކޮމިޓީއަށް އިންތިޚާބުކޮށްފައި ވަނީ ޖުމްލަ 10 ބޭފުޅުންނެވެ. އެއީ:

  • އަޙްމަދު ޝިހާމް، ރެޑްހައުސް / ސ. މީދޫ
  • މައުރޫފް ޛާކިރު، ދާއިރާ / ބ. ކެންދޫ
  • އިބްރާހީމް މުޖުތަބާ، އެވަރގްރީން / ބ. ތުޅާދޫ
  • މުޙައްމަދު ސޯދިގް، ބްލޫރެސްޓް / ހއ. ދިއްދޫ
  • އަލީ އަކްރަމް، ދަފްތަރު 1674 / މާލެ
  • އަބްދުﷲ ރާޒީ، ފުނާޑު / ކޯޒީ ޏ. ފުވައްމުލަށް
  • ޢަބުދުﷲ އަލީ / އެއްގަމުގެ ބ. ކެންދޫ
  • މޫސާ މުޙައްމަދު، މާއޮޅު / ޏ. ފުވައްމުލަށް
  • ނަސްމާ ވަހީދު، ވީނަސްގެ/ ގދ.ތިނަދޫ
  • ހުސައިން މިރުޝާދު، ރަބަރުމާގެ /ސ.ފޭދޫ

ލޭބާ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީ އިން ދީފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކުރުމަށްފަހު ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އަދި ލޭބާ ޕާޓީ ރަޖިސްޓްރީކުރުމުގެ ކުރިން ބާއްވަން ޖެހޭ ފުރަތަމަ އާންމު ޖަލްސާ ބާއްވައި، ޕާޓީގެ ކުލަ އާއި ލޯގޯ ފާސްކޮށްފައި ވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ކަމުގައިވާއިރު، އީސީގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ލޭބާ ޕާޓީގެ ނަން ހިމެނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.