މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު ރާއްޖޭގެ ސަރަޙައްދުން، އީރާނުގެ މަސްބޯޓެއް މިއަދު ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެ މަސްބޯޓު ހިފަހައްޓާފައި ވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.

އަދި، މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި ކަމަށާއި އެހެންކަމުން، އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ފުލުހުން ބުނީ އެއީ އީރާނުގެ ބޯޓެއް ކަމަށާއި ބޯޓުގައި އީރާނަށް ނިސްބަތްވާ ހަތް ފިރިހެނުން ތިބި ކަމަށެވެ.
އިރާނުގެ ބޯޓެއް ފުލުހުން ބަލަމުންދާ އިރު މީގެ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ހަތަރު ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުން ވަނީ އަތުލައިގެންފައިވެ އެވެ.