ތިންވަނަ ދެކުނު މަހާސިންތާ ފެށިގެން ކުރިއަށް އެބަދެއެވެ.
ދެކުނުގެ ފަސް އަތޮޅު ކަމުގައިވާ ލ. އަތޮޅާއި، ގއ އަދި ގދ އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫސިޓީ ކައުންސިލް ހިމެނޭ ގޮތަށް ބާއްވާ 3 ވަނަ ދެކުނު މަހާސިންތާ ގއ. ވިލިގިނލީގައި ފަށައިފިއެވެ.
އިއްޔެ ހެނދުނު ފެށުނު މިމަހާސިންތާ ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.
މިމަހާސިންތާގައި ދެކުނުގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ދެ ސިޓީ ކައުންސިލްގެ އިތުރުން ދެކުނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާ މިމަހާސިންތާގެ ފުރަތަމަ ދަންފަޅީގައި މަޖިލިސް މެންބަރުންވަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ލާމަރުކަޒީކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަވާފައެވެ. މަހާސިންތާގެ ދެވަނަ ދަންފަޅީގައި ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭނެ ރަނގަޅު ބަދަލުތަކާ މަސްވެރިކަމާ ދަނޑުވެރިކަމާ ގުޅޭގޮތުން މަހާސިންތާގެ ބައިވެރިންވަނީ މަޝްވަރާ ކުރައްވާފައެވެ. މަހާސިންތާގެ ތިންވަނަ ދަންފަޅީގައި ދެކުނުގެ ޓޫރިޒަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މިމަހާސިންތާގައި އައްޑޫސިޓީ ކައުންސިލުން ވަނީ ދެކުނުގެ ފަސް އަތޮޅު ހިމެނޭ ގޮތަށް ސަދަން ރީޖަނަލް އެލަޔަންސް (އެސް.އާރ.އޭ) ގެ ނަމުގައި އެސޯސިއޭޝަންއެއް އުފެއްދުމަށް ހުށަހަޅާފައެވެ. މިއެސޯސިއޭޝަންގެ ބޭނުމަކީ ދެކުނުގެ އަތޮޅުތައް އެކީގައި އިޤްތިސާދީ، އިޖުތިމާޢީ އަދި ސަޤާފީ ތަރައްޤީއަށްޓަކައި އެއްލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މަސައްކަތް ކުރުމެވެ.