English Edition
Dhivehi Edition

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ބާއްވަން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ހަމަޖައްސައިފި އެވެ.

މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވާއިރު، މި އަހަރުގެ ޤައުމީ އިނާމުވެސް ދިނުމަށް ހަމަޖެހިފައި ވަނީ މި ޖަލްސާގައެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ ހަފްސީ އަބްދުﷲ އާއި ހަވާލާދީ “ރާއްޖެ އެމްވީ” އިން ރިޕޯޓުކުރާ ގޮތުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ހއ. އުތީމުގައި ވެސް ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ކަމަށެވެ.

އަދި ޤައުމީ ދުވަހުގެ މުނާސަބަތުގައި މާލޭގެ އިތުރުން މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށްވެސް ހަފްސީ ވަނީ ވިދާޅުވެފަ އެވެ.

ޤައުމީ ދުވަހަކީ މުހައްމަދު ތަކުރުފާނު އަލް އައުޒަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރެއެވެ.