English Edition
Dhivehi Edition

އައްޑޫ ސިޓީގައި ތެލެސީމިއާ ބަލީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އައްޑޫ ތެލެސީމިއާ ސޮސައިޓީގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.

އެ ޖަމިއްޔާ އިފްތިތާޙްކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ މަރަދޫ ބޮޑުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން، ޖީހާން ސަލީމް އެވެ.
އައްޑޫ ތެލެސީމިއާ ސޮސައިޓީގެ ރައީސް އަހުމަދު ޝަރީފް އާއި ހަވާލާދީ “މިހާރު” ނޫހުން ރިޕޯޓުކުރާ ގޮތުގައި އެ ޖަމިއްޔާ މަސައްކަތްކުރާނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ނެޝަނަލް ތެލެސީމިއާ ސެންޓަރުގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ތެލެސީމިއާ ބައްޔަށް ހޭލުންތެރިކަން އުފެއްދުމާއި އެ ބައްޔާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުން ކަމުގައިވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފްތިތާޙުކުރަން ބޭއްވި ޖަލްސާގައި އެ ޖަމިއްޔާ އާއި ފޭދޫގައި ހިންގާ ކްލިނިކެއް ކަމުގައިވާ އައްޑޫ މެޑިސިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ތެލިސީމިއާ ޖެހިފައިވާ ފަރާތްތަކުގެ އެކިއެކި ޓެސްޓްތައް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ހެދޭނެ އިންތިޒާމު ހަމަޖައްސައި، ތެލެސީމިއާ އަށް ޚާއްސަ ވަކި ޔުނިޓެއް އެ ކްލިނިކްގައި ޤާއިމްކުރެވިގެންދާނެ އެވެ. މީގެ އިތުރުން، ތެލެސީމިއ ބަލީގެ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، މެޑިސިޓީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބަލިމީހުންނަށް ލިބުމުގެ އިތުރުން ލޭ އަޅަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކުރަން ޖެހޭ ދަތުރުތައްވެސް މެޑިސިޓީ އިން ހަމަޖައްސައިދޭނެ އެވެ.
ޝަރީފް ވިދާޅުވީ އައްޑޫގައި މިހާރު ތިބި ތެލެސީމިއާ ބަލީގެ މީހުންގެ އަދަދާއި އެމީހުންގެ އެހެން ތަފްސީލްތައް އެނގިފައިނުވާތީ، ތެލެސީމިއާ ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ އިތުރުން މިހާރަށްވުރެ ހަރުދަނާކޮށް ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އައްޑޫގައި ތެލެސީމިއާ ބަލީގެ މަޢުލޫމާތާއި ތަމްރީން ލިބިފައިވާ މީހުން ނެތުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން ބޭނުންވާ މިންވަރަކަށް މަސައްކަތް ނުކުރެވޭ ކަމަށާއި، ނަމަވެސް ތެލެސީމިއާ ސެންޓަރާއި ގުޅިގެން އެ މަސައްކަތް ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އައްޑޫ މެޑިސިޓީ އިން ބުނީ ތެލެސީމިއާ ސޮސައިޓީގެ އިފްތިތާޙީ ޖަލްސާގައި ބައިވެރިވި ތެލެސީމިއާ ބަލީގެ ހުރިހާ ބަލިމީހުންނަށްވެސް ޕްރައޯރިޓީ ކާޑެއް ދީފައިވާ ކަމަށާއި، އެ ކާޑުގެ އެހީގައި އެ ކްލިނިކުން ފަސޭހަކަމާއެކު ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ.