English Edition
Dhivehi Edition

ޔަމަނަށް އެހީތެރިކަން ލިބުން ދަތިވުމުން އުފެދުނު ބަލިތައްކަށް ފަރުވާދެވޭނެ ގޮތެއްނެތުމުގެ ސަބަބުން ދިހަހާހެއްހާ މީހުން މަރުވެއްޖެއެވެ.

އެގައުމަށް އެހީލިބުން ދަތިވެފައިވަނީ މައި ސަންއާގެ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން އެހީފޯރުކޮށްދިނުމަށް ބައިނަލް އަގުވާމީ ފަރާތްތަކަށް ދަތިވުމުގެ ސަބަބުންނެވެ. އެ އެއާޕޯޓު ބަންދުކޮށްފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ސަންއާގެ ވައިގެ ސަރަހައްދު ބަލަހައްޓަނީ ސައުދީ އަރަބިޔާ އިސްވެ އޮވެހަދައިފައިވާ ކޯލިޝަނުންނެވެ.

ސިއްހަތާބެހޭ ޔަމަނުގެ ވުޒާރާއާ ހަވާލާދީ އެހީދޭ ޖަމާއަތްތަކުން ބުނެފައިވަނީ މަރުވެގެން ގޮސްފައިވަނީ އެމީހުންނަށް ސިއްހީ ފަރުވާދެވުނުނަމަ ސަލާމަތް ކުރެވޭ ހާލަތުގައިތިބި މީހުންނެވެ. ޔަމަންގެ ދާޚިލީ ހަންގުރާމައިގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމުވަނީ ފުނޑުފުނޑުވެފައެވެ. އެހެން ކަމުން އާދައިގެ ކުދި ބަލިތަކަށްވެސް އެކަށީގެންވާ ފަރުވާ ހޯދަންދާންޖެހެނީ ބޭރަށެވެ. އެކަމަކު އެވަސީލަތެއްވެސް މިހާރުނެތެވެ. އޭގެ އިތުރަށް އެއާޕޯޓް ބަންދު ކޮށްފައިއޮތުމުން ބޭރު ގައުމު ތަކުން ލިބޭ އެހީތައް އެތެރެ ކުރުމަށްވެސް ވަނީ ދަތިވެފައެވެ.

ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ އިތުރުން ތަފާތު 14 ޖަމާއަތެއް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމާއިގެ ސަބަބުން ތަފާތު އަނިޔާއާއި، ބަލިތައް ޖެހިފައިވާ އެތައް ބަޔަކަށް ފަރުވާ ނުދެވިގެން މަރުވަމުންދާ ކަމަށެވެ. އެއާޕޯޓު ބަންދުކޮށްފައި އޮތުމުންނާއި އަސްކަރިއްޔާއިން އެސަރަހައްދު ބަލަހައްޓާތީ ރައްކާތެރި ކަމާއެކު ދަތުރު ކުރެވޭނެ މަގެއްވެސް ނެތްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޔަމަނުގައި މިދުވަސްވަރުވަނީ ކޮލަރާ އާންމު ވެފައެވެ. އެބަލީގައި އެކަނިވެސް އެތައްބަޔަކު މަރުވެ އެތައްބަޔަކަށް ބަލިޖެހިފައިވެއެވެ. ކޯލިޝަނުން ގެންދަނީ ޔަމަނަށް އެހީވާން މަސައްކަތްކުރާ ޖަމާއަތްތަކަށް ހުރަސް އަޅަމުން ކަމަށްވެސް އެފަދަ ޖަމާއަތްތަކުންވަނީ ބުނެފައެވެ.

ޔަމަންގެ ހާލަތު މިހާހިސާބަށް އައުމުގެ ފެށުމަކީ ދެހާސް ސާދަވަނަ އަހަރު ސަރުކާރާ ދެކޮޅަށްފެށި ވަރުގަދަ މުޒާހަރާތަކެވެ. އޭގެ ސަބަބުން އެއަހަރު ސެޕްޓެމްބަރ މަހުގެ ތެރޭ އޭރުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވިއެވެ. އޭރު ހޫސީންވަނީ ސަންއާއަށް އަރައި އެމީހުންގެ ބާރުގެ ދަށަށް އެ އަވަށް ގެނެސްފައެވެ. ޖެހިގެން އައި އަހަރު ކުރީކޮޅު ޔަމަންގެ ރައީސާއި މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ. އެހައި ހިސާބުން ހޫސީންގެ ފުރިހަމަ ބާރުގެ ދަށަށް ޔަމަންގެ ވެރިކަން ދިޔައެވެ. އޭގެ ފަހުން ޔަމަންގެ ހަމަނުޖެހުންތައް ދާޚީލީ ހަންގުރާމައަކަށް ބަދަލުވެގެން ދިޔައެވެ.

އެހިސާބަށް ދިޔުމުން ސައުދީ އަރަބިއްޔާ އިސްވެއޮވެ އެކި ގައުމު ތަކަކާ އެކު ކޯލިޝަނެއް ޤާއިމު ކުރިއެވެ. އަދި އެ ކޯލިޝަނުން ޔަމަނުގެ ދާޚިލީ ހަންގުރާމައިގެ ތެރެއަށް ވަނެވެ. ކޯލިޝަނުންވަނީ ސަންއާގެ އެކި ހިސާބުތަކަށް ބޮން އަޅައިފައެވެ. އަދި ކޯލިޝަންގެ ބާރުގެ ދަށަށް ސަންއާގެ އެއާޕޯޓުވަނީ ގެންގޮސްފައެވެ.

ޓެގު