English Edition
Dhivehi Edition

 

5 ވަނަ ބައިނަލް އަޤްވާމީ މުދައްރިސުންގެ މަހާސިންތާ ފަށައިފިއެވެ. މިއަދު ހެނދުނު 9 ޖެހި އިރު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށުނު މިމަހާސިންތާގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވައެވެ. އެމަނިކްފާނުގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެންބަރ އިބްރާހިމް ނާޒިލްއާއި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤުގެ އިތުރުން ތަޢުލީމީ ވުޒާރާއާއި ދައުލަތުގެ އިސް ބޭފުޅުންނާއި އައްޑޫސިޓީގެ ކަމުވޮށިގެންވާ ބޭފުޅުންނާއި މަހާސިންގާގެ ބައިވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކީރިތި ޤުރްއާންގެ ބަރަކާތުން މަހާސިންތާ ފައްޓަވައިދެއްވީ ޝަރަފުއްދީން ސްކޫލްގެ ޓީޗަރ ޙުސެއިން ޒާހިރުއެވެ. ކީރިތި ޤުރްއާންގެ ތަރްޖަމާ ވިދާޅުވެ ދެއްވީ އެސްކޫލްގެ ޝިނާޒާ ހާދީ އެވެ.

ކޮންފަރެންސްހުޅުވުމުގެ މި ރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑޜ ޢަބްދުﷲ ރަޝީދު އަޙްމަދެވެ. އެއަށްފަހު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

ރަސްމިއްޔާތުގައި ދެން ކުރިއަށްދިޔައީ 2017 ވަނަ އަހަރުގެ މުދައްރިސުންގެ މަހާސިންތާ ގައި ބައިވެރިން ގެ ދިރާސާ ކަރުދާސްތައް ހިމެނޭ ކޮންފަރެންސް ޕްރޮސީޑިން ބުކް އިފްތިތާޙް ކުރުމެވެ. މި ފޮތް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢައިޝަތު ޢަލީއެވެ. އެއަށްފަހު މިނިސްޓަރ ގެ ވާހަކަފުޅު ކުރިއަށް ދިޔައެވެ. އެކަމަނާގެ ވާހަކަފުޅުގައި މި މަހާސިންތާ ބޭއްވުމުގައި ކަމާގުޅުންހުރި އެންމެހާ ދާއިރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރު ލެއްވުމަށް ޝުކުރު އަދާ ކުރެއްވިއެވެ. މަހާސިންތާ ހުޅުވުމުގެ މި ރަސްމިއްޔާތުގައި ކީނޯޓް ސްޕީޗް ގެ ގޮތުގައި ރަސްމިއްޔާތުގައި ވަނީ ނައިބް ރައީސް ތަޤްރީރު ކުރައްވާފައެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޤައުމީ ސަލާމުންނެވެ.