މާދަމާއަކީ އައްޑޫސިޓީއަށް އާދައިގެ ދުވަހެއް ނޫނެވެ. އެތައް ދުވަހެއް ކުރިން ފެށިގެން އެކަމަކަށް ތައްޔާރު ވަމުން އައި ބައިނަލް އަޤްވާމީ މުދައްރިސުންގެ މަހާސިންތާ މާދަމާ ފެށެނީއެވެ. މިޝަރަފްވެރި ޙަފްލާއޮތީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. މި ވަގުތާ ޖެހެންދެން ވެސް އެސްކޫލާއި ގުޅުންހުރި އެންމެން “އެލާޓް” ގައި ހޭލަމޭލައަށް ދުވާމަންޒަރު ފެންނަމުން އެބަދެއެވެ. 3 ރޭ 3 ދުވާ ވަންދެން ޢާއިލާދެކިލަން ގެއަށް ނާދެވި ސްކޫލްގައި ތާށިވެފައި ތިބީ ގައިމު ކަމެއް ހިނގާތީތާއެވެ. ސްކޫލް ޒީނަތްތެރި ކުރުމާއި ކަމަށް އެކަށޭނަ މާޙައުލެއް ޤާއިމް ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެން އައި އީގެ ބޭފުޅުންނާއެކު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްޓާފުންގެ އިތުރުން އައްޑޫސިޓީ ކައުންސިލާއި ހިތަދޫގެ މަޖްލިސް މެންބަރުންނާއި ފުލުހުންނާއި މުޅި އައްޑޫސިޓީގެ ހުރިހާ ދާއިރާތަކާއި ރައްޔިތުންގެ އެއްބާރު ލުންވެސް ލިބިފައިވާކަމަށް ޝަރަފުއްދީން ސްކޫލުން މަޢުލޫމާތު ދެއްވިއެވެ.
“ހުރިހާ އެންމެން ވެސް މަސައްކަތް ކުރަމުންއައީ އެއް ރޫޙެއްގައި. މި އެންމެންގެ މަސައްކަތުން ކަމަށް އެކަށޭނަ ރަނގަޅު މާޙައުލެއް މިވަނީ ޤާއިމް ކުރެވިފަ.އަޅުގަނޑުމެންގެ އުއްމީދަކީ ކޮންފަރެންސް ގެ ބައިވެރިންނަށް ލިބިގެންދާ ހިތްހަމަ ޖެހުމާއެކު މިއީ އައްޑޫސިޓީއަށް ލިބިގެންދާނެ ޝަރަފެއްގެ ގޮތުގައި މިކަން ވެގެންދިއުން.” ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޙުސެއިން މުސައްވިރު ވިދާޅުވިއެވެ.
ޝަރަފުއްދީން ސްކޫލްގެ ހޯލްވަނީ މިކަމަށް ތައްޔާރު ކުރުމުގެ ގޮތުން އެއަރކަންޑިޝަން ކޮށް ތަރުފާލު އަޅާއި ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައެވެ. މީގެ އިތުރުން ކޮންފަރެންސް ގެ ކަރުދާސް ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާ ކޮޓަރިތައްވެސް ވަނީ އެކަމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުކޮށް ނިންމާފައެވެ. މިއާއެކު ހުސްވަގުތު ތަކުގައި ބައިވެރިން އިށީނދެލާ ހިތްފަސޭހަކޮށްލުމަށްޓަކައި ސްކޫލް ގޯތިތެރޭގައި ވަނީ ފިނި މައިޒާންތައް ހަދާފައެވެ.
މި ކޮންފަރެންސަށް ރާއްޖޭއާއި ރާއްޖޭން ބޭރުގެ އެކި ޤައުމު ތަކުން މީހުން ބައިވެރިވެފައި ވެއެވެ. މިސަބަބާހެދި މިއީ އައްޑޫސިޓީ ރީތި ހިތްފަސޭހަ ތަނެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވެސް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.