English Edition
Dhivehi Edition

ޤާޟީ ކަމަށް އަންހެނަކު އައްޔަނުކުރާ މީހާ ފާފަވެރި ވާނެކަމަށް ޢިލްމުވެރީން އިޖްމާޢު ވެފައިވާކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޤައުމީ ޔުނިވަރސިޓީގެ ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒާހިރު މިގޮތަށް ވިދާޅުވެފައިވަނީ ޝެއިޚް ގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

“މިސްރުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުޙައްމަދު އަބޫ ޒަހުރާ ވިދާޅުވެފައިވެއެވެ. މަޝްހޫރު އިމާމުވެރި ދަންނަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު، އަންހެނުން ޤާޟީ ކަން ކުރުން ހުއްދަކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅުން އެހައްދަވަނީ ގޯހެކެވެ. ޤާޟީ ކަމަށް އަންހެނަކު އައްޔަނުކުރާ މީހާ ފާފަވެރި ވާނެކަމަށް ޢިލްމުވެރީން އިޖްމާޢު (އެއްބަސް) ވެފައިވެއެވެ” ޝެއިޚް އަލީ ޒާހިރު ވިދާޅުވި އެވެ.

ސުޕްރީމްކޯޓަށް އަންހެން ބޭފުޅުން އިސްކުރުމަކީ ޤްރުއާނާއި ޙަދީޘް އާއި ޙިލާފުވުން ކަމަށް ޝެއިޚް ޒައިދުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

“އިސްލާމީ ޤައުމެއްގެ އެންމެ އިސް ކޯޓަށް، ވަކިން ހާއްސަކޮށް، ޖިނާއީ މައްސަލަތައް ބަލަން އަންހެން ކަނބަލުން ޤާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ، ޤުރުއާން އަދި ޙަދީޘް އާއި ޙިލާފު ބޮޑު މުންކަރާތެއް! މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިން ފަތުވާ ދެއްވާފައި ވޭ. ﷲ ގެ މަގު ހެޔޮކަން ބޮޑު!” ޝެއިޚް ޒައިދް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމްކޯޓުގައި ހުސްކޮށް އިން ދެ ގޮނޑިއަށް އަށްޔަންކުރަށްވާ އަންހެން ދެ ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިފައެވެ. އަދި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ރައީސް އަށް މިހާރު ލަފާ ދެއްވާފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ. ސުޕްރީމްކޯޓުގައި 5 ފަނޑިޔާރުން މިހާރު ތިއްބަވާއިރު ފަނޑިޔާރުންގެ އަދަދު 5 ކުން 7 ކަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގައެވެ.