އަންނަ ސެޕްޓެމްބަރު މަހު އައްޑޫސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސްގެ ފަސް ވަނަ ބައްދަލުވުމަށް އެކި ފަރާތްތަކުން 80 ކަރުދާސް ހުށައަޅައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އައްޑޫގައި ފުރަތަމަ ފަހަރަށް ބޭއްވޭ މި ކޮންފަރެންސާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު 30 ޖުލައިއަށް ހަމަވެފައިވާއިރު، މި ބައްދަލުވުމުގައި ހުށަހެޅޭ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސުކޫލުތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލެއް ގެނެވޭނެ ކަމަށެވެ.
މިއީ ސުކޫލުތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މެދުގައި ދިރާސާގެ ސަޤާފަތް ޤާއިމު ކުރުމާއި، އިލްމީ މަސައްކަތްތައް ކުރައްވާ ބައިނަލްއަޤުވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމާއި، އެފަދަ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސެޕްޓެމްބަރު މަހުގެ 4 އިން 5 އަށް ޝަރަފުއްދީން ސްކޫލުގައި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެކުރިން މި ބައްދަލުވުން ބާއްވަމުން ގެންދިޔައީ މާލޭގައެވެ. ނަމަވެސް މިފަހަރު މި ބައްދަލުވުން އޮންނާނީ އައްޑޫ ސިޓީގައެވެ. އެގޮތުން މިއަހަރުގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވަން ނިންމީ ލާމަރުކަޒީ ގޮތުން އިދާރާތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.