އިއްތިހާދު އެއާވޭސްގެ ޑްރީމްލައިނާ ރާއްޖެއަށް ދަތުރުފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ. އިއްތިހާދު އެއާވޭސް އިން ބުނީ އެ އެއާލައިންގެ ބޮއިންގް 787 ޑްރީމްލައިނާ ރާއްޖެއަށް ދަތުރުފެށުމަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް 30 ހުގައި ކަމަށެވެ.
މި ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ހެނދުނު، އަބޫދާބީއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް (ވީއައިއޭ) އަށެވެ.
އިއްތިހާދުގެ މި ބޯޓަކީ ދުނިޔޭގައި އެންމެ ލަގްޒަރީ ފެންވަރުގެ ޚިދުމަތްދޭ އެއް ބޯޓެވެ. ހަމަޖެހިލައިގެން އޮށޯލެވޭ ގޮތައް ފަރުމާކޮށްފައިވާ 30 އެނދު މި ބޯޓުގައި ހުންނަ އިރު ބޯޓުގައި ކެއުން ހުންނަނީ ފަސްތަރީގެ ފެންވަރަށެވެ. އަދި ކެއުން އޯޑަރު ކުރަން ޖެހޭނީ ފުރުމުގެ ކުރިންނެވެ.
ފަސްޓް ކްލާސްގެ އިތުރުން މި ބޯޓުގެ އިކޮނޮމީ ކްލާސްވެސް ވަރަށް ފުރިހަމަ ވެފައި ތަފާތެވެ. އެގޮތުން މި ބޯޓުގެ އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަރާތްތަކަށް ލަގެޖް ބެހެއްޓުމަށް ބޮޑު ޖާގައެއް ހުރެއެވެ. އަދި ތަފާތު ވައްތަރުގެ ލަވައާއި ފިލްމު ބަލާލެވޭ ގޮތްވެސް ހުރެއެވެ.
