English Edition
Dhivehi Edition

ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަ ހުށަހަޅާ މިންވަރު އިތުރުވެފައިވާތީ އެކަން ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ވިދާޅުުވީ، މިމަހުގެ އަށްވަނަ ދުވަހު މިއޮޕްރޭޝަން ފެށިފަހުން 34 ސައިކަލް ގެއްލިގެން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިހާރު މީގެތެރެއިން 23 ސައިކަލެއް ހޯދަފައިވާއިރު މިސައިކަލް ގެތެރެއިން ފުލުހުންގެ މަސައްކަތުން ވަނީ11 ސައިކަލް ހޯދާފައެވެ. އަދި ބާކީ 12 ސައިކަލް ހޯދާފައިވަނީ އެ ސައިކަލްތަކުގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީގެއިތުރުން މިއޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލިގެން ހުށަހަޅާފައިވާ 9 ސައިކަލެއް ފުލުހުންވަނީ ހޯދާފައިކަމަށް ފުލުހުންވިދާޅުވެއެވެ.

މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް މިމީހުންގެ ފަރާތުން އެއްބާރުލުންދަނީ ލިބެމުންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ފެށި މިއޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ސައިކަލުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސައިކަލްގެ ވެރިފަރާތް ތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އެގޮތުން ސައިކަލު ޕާކުކޮށްފައި ބަހައްޓާއިރު ހުންގާނު ލޮކްކޮށް އަދި އެއާއެކު ޝަޓަރ ލޮކް ކޮށްފައި ބެހެއްޓުމާއި ސައިކަލުގައި އެލަރމް ލޮކް ހަރުކުރުމާއި އަދި ސައިކަލު ހުރި ލޮކޭޝަން އެނގޭނެހެން ޖީޕީއެސް އެއް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ މީހުންނާ ސައިކަލު ހަވާލުނުކުރުމަށާއި އަދި ސައިކަލު ޕާކު ކުރާއިރު އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލު ޕާކު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ފުލުހުން މިއޮޕަރޭޝަން ފަށާފައިވާއިރު ގެއްލިގެން ފުލުހުންނަށް މީގެ ކުރިން ރިޕޯޓް ކޮށްފައިވާ ސައިކަލެއް މާލޭ ނޯތު ހާބަރު މޫދު އަޑީގައި އޮއްވާ ވަނީ ފެނިފައެވެ.ފުލުހުން ބެލި ބެލުމުން އެއީ 2019 އެޕްރީލް 16 ވަނަ ދުވަހު ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ސައިކަލެއް ކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

 

ޓެގު