English Edition
Dhivehi Edition

ކުރުނބާ ވިލެޖްގައި މާދަމާ ފަށާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި އައްޑު އަތޮޅު ތަރައްގީ ކުރަން މި ސަރުކާރުން ހިންގާ 414 މިލިއަން ޑޮލަރު ގެ މަޝްރޫއެއް ހުށަހަޅަން ނިންމައިފި އެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 އި ގެ ވެބްސައިޓުގައިވާ ގޮތުން އައްޑޫ ތަރައްގީ ކުރުމަށް ހިންގާ 6.3 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑު އަތޮޅުގެ ހަ ރަށަށް ތަރައްގީ ކުރާނެ އެވެ. މިގޮތުން އެ އަތޮޅުގެ ހަ ރަށް ފެރީގެ ނިޒާމަކުން ގުޅާލާނެ އެވެ. އަދި އެ ސަރަހައްދު އިކޮނޮމިކް ހަބެއްގެ ގޮތުގައި ތަރައްގީ ކުރާނެ އެވެ. އައްޑޫގައި ހިންގާ ބޮޑު މަޝްރޫއުގައިވާ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން އައްޑު އަތޮޅުން ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. އެ ގޮތުން ވިޔަފާރީގެ މަޝްރޫއުތައް ފަށަން ގާތްގަނޑަކަށް 203 ހެކްޓަރު ބިން ހިއްކާނެ އެވެ. މީގެ އިތުރުން އައްޑޫގައި ޓޫރިޒަމްގެ ހަތަރު މަޝްރޫއެއް ފަށަން ގާތްގަނޑަކަށް 25 ހެކްޓަރު ހިއްކާނެ އެވެ. މި މަޝްރޫއުގެ ދަށުން އައްޑު އަތޮޅުގެ ވަކިވަކި ރަށްރަށުގައި ވެސް ގިނަ މަޝްރޫއު ތަކެއް ހިންގާނެ އެވެ.

އައްޑޫގައި ހިންގާނެ ބައެއް މަޝްރޫއުތައް

  • ހިތަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުން
  • މަރަދޫ، ފޭދޫ، ހުޅުދޫ، ބަނދަރު ތަރައްގީ ކުރުން
  • ހުޅުދޫ މީދޫ- އައްޑޫ މިފްކޯ ފިޝަރީޒް ކޮމްޕެކްސް ތަރައްގީ ކުރުން
  • ފުޓުބޯޅަ ދަނޑާއި، ރިހެބިލިޓޭޝަން ސެންޓަރެއް އެޅުން
  • އިސްލާމިކް ސެންޓަރެއް އެޅުން
  • އިންޖީނުގެ ތަރައްގީ ކުރުން
  • އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުން
  • ގަމުގައި ކޮންވެންޝަން ސެންޓަރެއް އެޅުން
  • ސަރުކާރު އޮފީސް އިމާރާތެއް އެޅުން
  • އައްޑޫ ނޭޗާ ޕާކް ތަރައްގީ ކުރުން
  • ކްލައިމެޓް ރިސާޗް ފެސިލިޓީއެއް ހެދުން
  • ދާރުލްއާސާރަކާއެކު ކަލްޗަރަލް ވިލެޖެއް ހެދުން

ޕާޓްނާޝިން ފޯރަމްގައި ތިރީހަށްވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ބޭރުގެ ސަފީރުންނާއި ރާއްޖެއަށް އެހީ ދޭ ގިނަ ޖަމިއްޔާތައް ވެސް ހިމެނޭނެ އެވެ. މި ފޯރަމްގެ ބޭނުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ މަޝްރޫއުތަކުގައި ރާއްޖެއާއެކު މަސައްކަތް ކުރާނެ ބައިވެރިން ހޯދުން ކަމަށް ފިނެންސް މިނިސްޓްރީން ބުނެއެވެ.