English Edition
Dhivehi Edition

ސިފައިންގެ 300 ފްލެޓް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކުންފުނިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އަންގައިފި އެވެ.

ފްލެޓު އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނު އަމިއްލަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން 27 ޖަނަވަރީ 2016ގައި ވަނީ ބާތިލުކޮށްފައެވެ. އަދި ދެފަރާތުގެ ދެމެދުގައި ހަދާފައިވާ އެގްރީމެންޓްގެ ދަށުން އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ ތިން ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92.6 މިލިއަން ރުފިޔާ އަނބުރާ ލިބިފައިއެއްނުވެ އެވެ.

އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް އެކުންފުޏަށް ސިފްކޯއިން ދައްކާފައި ވަނީ 125,938,079.00 ރުފިޔާއެވެ. އެއީ، ފްލެޓް ލިބޭ ފަރާތްތަކުން ދައްކާފައިވާ 10,635,175 ރުފިޔާއާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ 115,302,079.00 ރުފިޔާއެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެފައިސާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ހަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާ ކަމަށްވެސް އޭސީސީއިން ބުންޏެވެ.

އޭސީސީ އިން އެ މައްސަލަ ބެލުމަށް ފަހު މިއަދު އަންގާފައި ވަނީ ޕްރޮޖެކްޓު ހަވާލު ކުރި ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ ތިން ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެން ޖެހޭ 92,570,639.27 ރުފިޔާ އަނބުރާ ލިބިފައި ނުވާތީ، އެ ފައިސާ ސިފްކޯ އިން އަނބުރާ ހޯދުމަށެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ވަނީ، އެ ފައިސާ ހޯދުމަށް ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާއި ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ ސިފްކޯއަށް ދަންކަންޖެހޭ ފައިސާ އުނި ކުރުމަށްފަހު އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްނެތްނަމަ، ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ސިފްކޯއަށް ވަނީ އޭސީސީއިން އަންގާފަ އެވެ.

ބާތިލު ކުރި ސިފައިންގެ ފްލެޓުތަކުގެ އެއްބަސްވުން

  • ޕްރޮޖެކްޓު ހަވާލު ކުރި ޖުމުލަ އަގަކީ 638,110,440.00
  • ފައިސާގެ ތެރެއިން 40 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭނެ
  • އެ 40 ޕަސެންޓްގެ ތެރެއިން 16 ޕަސެންޓް ފައިސާ ހޯދާނީ ފްލެޓްތަކުގައި ހަދާ ކޮމާޝަލް ލޮޓްތައް ވިއްކައިގެން
  • 26 ޕަސެންޓް ފައިސާ ދައްކާނީ ގަވަރމެންޓް ސަބްސިޑީގެ ގޮތުގައި
  • ހަތަރު ޕަސެންޓް ފައިސާ ދައްކާނީ ސިފްކޯއިން 24 މަހަށް ބަހާލައިގެން
  • ބާކީ ފައިސާ ސިފްކޯއިން މަސަކަތް ހަވާލުވި ކުންފުޏަށް ދައްކާނީ އެންޑް ޔޫޒާ ފައިނޭންސް އުސޫލުން ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ފަހު ފިކްސްޑް އިންސްޓޯލްމެންޓެއްގެ ގޮތުގައި 30 އަހަރަށް ބަހާލައިގެން