ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު އިންޑޮނޭޝިޔާގެ ރައީސް ކަމަށް އެ ގައުމުގެ މިހާރުގެ ވެސް ރައީސް ޖޯކޯ ވިޑޯޑޯ އިންތިހާބުވެ ވަޑައިގެންފިއެވެ. ރައީސް ކަމުގެ ދެވަނަ ދައުރަކަށް ރައީސް ޖޯކޯ ވިޑޯޑޯ އިންތިހާބު ވެވަޑައިގެންނެވި އިރު ޖޯކޯ އާއި ވާދަކުރެއްވި ކެންޑިޑޭޓް ކުރީގެ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވައި ފައެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 55.5 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އިދިކޮޅު ކެންޑިޑޭޓް ޕްރަބޯވޯ ސުބިއަންޓޯ އަށް ލިބިވަޑައި ގެންނެވީ 44.5 އިންސައްތަ ވޯޓެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބު އޮޅުވާލައިފައި ވާކަމަށެވެ. އަދި އިންތިހާބު ގަބޫލު ނުކޮށް ބޮޑެތި މުޒާހަރާ ތަކަކަށް ދަނީ ތައްޔާރު ވަމުންނެވެ.
އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ތައްޔާރުވަމުން ދާތީވެ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އަމަން ބެލެހެއްޓުމަށް މިހާރުވަނީ 32،000 އަމަން ބަލަހައްޓާ ސިފައިން ނެރެފައެވެ. އަދި އިލެކްޝަން ކޮމިޝަން ކުރިމަތީގައިވަނީ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.