ތިބާއަކީ ހަކުރުބަލި ހުންނަ މީހެއް ހެއްޔެވެ؟ ހުންނަ ކަމަށްވާނަމަ އެއްގޮތަކަށްވެސް ދުންދަތުން އިސްތިއުމާލު ނުކުރާށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންވާކަން އެންމެންނަށް އެނގެއެވެ. ހަކުރުބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުން މާބޮޑެވެ.
އައު ދިރާސާ ތަކުން ދައްކާ ގޮތުގައި ހަކުރުބަލީގެ މީހުން، މި އަމަލު ހިންގުމުން، އުމުރު ކުރުވާ ކަމަށް ވެއެވެ. އާންމު ސިއްހަތެއްގައި އުޅޭ މީހުންނަށް ވުރެ ހަކުރުބަލީގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުނިޔެ ދޫކޮށްފައިދާ މީހުންގެ އަދަދު ދެގުނަ އިތުރުކަމަށް މި ދިރާސާތަކުން ދައްކައެވެ.
ނިއު ޔޯކުގެ “ކްލިނިކަލް ޑައިބެޓީސް ސެންޓަރ އެޓް މޮންޓިފިއޮރ މެޑިކަލް ސެންޓަރު” ގެ ޑިރެކްޓަރެއް ކަމުގައިވާ ޑރ. ޖޮއެލް ޒޮންސްޒެއިން ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެންމެނަށް ހުރި ގެއްލުމެއް ކަމަށެވެ. އެހެންނަމަވެސް މި އަމަލަކީ ވަކިން ޚާއްސަކޮށް ހަކުރުބަލީގެ މީހުންނަށް ގެއްލުން ބޮޑު އަމަލެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޔުނިވާސިޓީ އޮފް ކޮލޮރަޑޯ އިން ކުރި ދިރާސާ އަކަށް ފަންސާސް ތިންހާސް އެމެރިކާ މީހުން ބައިވެރިކޮށްފައިވެއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފާފައިތިބި ހަކުރުބަލީގެ މީހުންނާއި ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެގެން ތިބި ހަކުރުބަލީގެ މީހުން ހިމެނެއެވެ.
މި ދިރާސާގެ ނަތީޖާ ދައްކާފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ، ހަކުރުބަލީގެ މީހުން އަވަހަށް މަރުވުގެ ފުރުސަތު ދެގުނަ އިތުރެވެ. ހަކުރުބަލީގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތޭރަ މީހަކު ހަތް އަހަރުތެރޭގައި މަރުވެފައިވެއެވެ.
މިދިރާސާ އިން ދައްކާފައިވާ ގޮތުގައި ހަކުރުބަލި ޖެހިފައިވާ އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމޭގެ ކެންސަރު ޖެހޭ މިންވަރު، މި އަމަލު ކުރާ ހަކުރު ބަލީގެ ފިރިހެނުންނަށް ވުރެން މާ ގިނައެވެ.
ހަކުރުބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ ކަންތައް ތަކުގެ ތެރޭގައި ހަކުރު ލެވެލް ކޮންޓްރޯލު ކުރުމަށް އުނދަގޫވުން ހިމެނެއެވެ. އަދި ހަކުރު ލެވެލް ހުންނަންޖެހޭ މިންގަނޑުގައި ނުހިފެހެއްޓުމުގެ ސަބަބުން ލޯއަނދިރި ވުމާއި، ނާރުތަކުގެ ބާރު ދެރަވުމާއި، ކިޑްނީ ފެއިލް ވުމާއި ހިތުގެ މައްސަލަ ޖެހުން ހިމެނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ، ހަކުރުބަލީގެ މީހުންގެ ފުއްޕާ މޭގައި ޖަރާސީމު ހެދުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން ރޯގާ ޖެހުމާއި ކެއްސުން ފަދަ ބަލިތަކުން ފަސޭހަ ނުވެ ގިނަ ދުވަހަށް ދެމިގެންދެއެވެ. މިފަދަ ގޮތަކަށް ބަލިވުމުގެ ނަތީޖާ އަކަށް ވަނީ، ހަކުރުގެ މިންވަރު ހަށިގަނޑުގައި އިތުރު ވުމެވެ.
ކަން މިހެން ހުރުމާ އެކު ހަކުރު ބަލި ޖެހިފައިވާ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި، ގަވާއިދުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފާއިދާ ހުރި ކާނާ ކެއުމުގެ އިތުރަށް ކޮންމެ ދުވަހަކު ހަކުރު ލެވެލް ހުރި މިންވަރު ޗެކް ކުރުމަކީ އެދެވިގެންވާ ކަމެކެވެ.
އުފާ ވެރި ހަޔާތެއް ވޭތު ކުރެވެން އޮތް އިރު،ދުންފަތުގެ އިސްތިއުމާލު ކޮށް، ގެއްލުމާއި ހަލާކުގެ ތެރެއަށް ޣަރަގު ވެގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ.