English Edition
Dhivehi Edition

ނަޒާހަތްތެރި މުޖްތަމައެއް ބިނާ ކޮށްދިނުމަށް ވެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު (މާވަށު އަޒީ) ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ރޭ ބޭއްވި ގައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒީޒް ވިދާޅުވީ ގިނަ ބަޔަކަށް ކޮރަޕްޝަނަކީ ކޯއްޗެއްކަން ބުނެދޭން ނޭނގޭ ކަމަށާއި، ކޮރަޕްޝަން އޭ ބުނުމުން ގިނަ ބަޔަކު ހީކުރަނީ އެއީ މީހަކަށް ރިޝްވަތު ދިނުމާއި ހިފުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަންގެ ތެރޭގައި ވަރަށް ގިނަ ދާއިރާތައް ހުންނަ ކަމަށް އަޒީޒް ވިދާޅުވިއެވެ. އެގޮތުން އިޖްތިމާއީ ކޮރަޕްޝަން، ސިޔާސީ ކޮރަޕްޝަން، އިގްތިސޯދީ ކޮރަޕްޝަން އަދި މިފަހަކަށް އައިސް މީގެ ތެރެއަށް ދީނީ ކޮރަޕްޝަން ވެސް ވަނީ ވަދެފައި ކަމަށް އަޒީޒް ވިދާޅުވިއެވެ.

މި ހުރިހާ ކޮރަޕްޝަންތަކުގެ ތެރެއިން އެންމެ ނުބައި ކޮރަޕްޝަނެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަ ކޮށްފައިވަނީ ގާނޫނީ ކޮރަޕްޝަނެވެ. ކޮމިޝަނަރ މި ކޮރަޕްޝަން ފާހަގަ ކޮށްފައިވަނީ “ވައިޓް ކޮލާ ކްރައިމް” އެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ފައިސާއެއް ނުލިބި ގޮސްފައިވާކަން ކޮމިޝަނަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރ އިތުރަށް ފާހަގަ ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކޮށްފައިވާ ތަން ކަމަށެވެ. އަދި އެކަމަށް އެ ކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.