ނޫކުލައިގެ ރޮނގެއް އާއްމު ތަންތަނުގައި ދަމާލެވިފައިވާ ނަމަ އޭގެއިން ދޭހަ ވެގެންދަނީ އެމުޖުތަމައެއްގެ ހަމަޖެހުމާއި ހުރިހާ ކަމެއް ބަރާބަރަށް ހަމަޖެހިފައިވާ ކަމެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުން އޭގެ މާނައަކީ މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަ ކަމެވެ. އެއީ ޤާނޫނުގެ ހިންގުމާއި ހަމަނުޖެހުމާއި ދެމެދު ދަމާލެވޭ ރޮނގަކެވެ. ނޫކު ކުލަ ރަމްޒުވަނީ ފުލުހުންނަށެވެ.
އާއްމު ޙާލަތުގައި މި ނޫކުލައިގެ ރޮނގު ބޭނުން ކުރެވޭނަމަ އެކަން ރަމްޒުވެގެން ދާނީ މުޖުތަމަޢުގެ ފަރުދުން ޤާނޫނު ތަންފީޒު ކުރުމަށް ބާރުއަޅާ މިންވަރެވެ.
މި ނޫކުލައިގެ ރޮނގު އެންމެ ފުރަތަމަ ބޭނުން ކުރެވުނީ އިނގިރޭސި ވިލާތުގައި ފުލުހުންނަށް ދިމާވާ އަނިޔާތަކަށް ހަމްދަރުދީ ވުމުގެ ގޮތުންނެވެ. އޭގެ ފަހުން އިނގިރޭސިންގެ ބާރުގެދަށުގައި ކުރިންތިބި ގައުމު ތަކުގައި މި ރޮނގު ބޭނުން ކުރެވެން ފެށިއެވެ. އެއީ އެމެރިކާ އަދި ކެނާޑާގެ އިތުރުން އެހެން ގައުމު ތަކުގައެވެ.
މި ރޮނގު މުޖުތަމަޢުގައި މިހާރަކަށް އައިސް ފެންނާކަށް ނުހުރެއެވެ. މާނައަކީ ޤާނޫނީ ވެރިކަން ނެތީކީނޫނެވެ. އެހެނަސް އާއްމު ފަރުދުން މިކަމުގެ ހޭލުން ތެރިކަން ނެތްކަމެވެ. މި ރޮނގަކީ މުހިއްމު އެއްޗެއް ކަމަށް މުޅި ދުނިޔެއަށް ހާމަކޮށް ދިނުމުގެ ބޭނުމުގައި ވަރަށް ފަހުން ޓެކްސަސްގެ އަންހެނެއް ކަމަށްވާ، އެޕްރިލް ކިލިންސްވޯތު މިރޮނގު އޭނަ ދުއްވާ އުޅަނދުގައި ބޭނުން ކުރިއެވެ. އޭނަގެ މަގުސަދަކީ ޤާނޫނު ތަންފީޒު ކުރުމަށް މީހުންނަށް ހިތްވަރު ދިނުމާއި އެކަމަށް އަޑު އުފުލުމެވެ.
އެއަންހެން މީހާއަކީ މި ރޮނގު ރަމްޒުކޮށްދޭ މަގުސަދު ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ. އޭނަ އެންމެ ފުރަތަމަ އެނޫކުލައިގެ ރޮނގު ދަމާލީ އޭނަގެ ކާރުގެ ފަހަތު ބިއްލޫރި ގަނޑުގައެވެ. ނޫކުލައިގެ ސްޓިކާއެއް ބޭނުން ކޮށްގެން އޭނަ އެކަން ކުރިއެވެ. އޭނަގެ ދެވަނަ ބޭނުމަކީ ފުލުހުން މުޖުތަމަޢުގެ ހަމަޖެހުމަށް ކުރާ މަސައްކަތައް ޝުކުރު ކުރާކަން ހާމަކުރުމާއި އެމީހުންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭކަން ފާޅު ކޮށް މީހުން މިކަމަށް ހޭލުން ތެރި ކުރުވުމެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިހާރަކަށް އައިސް އާއްމުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ އަދި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި އާއްމުންނާއި އޮތް ހަމަޖެހުން މިހާރު ހީނަރު ވެފައި ވާކަމެވެ. ޚާއްސަކޮށް ވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުނިޔޭގެ ކަންކޮޅުތަކުގައި މިކަން ވަނީ އިތުރު ވެފައެވެ. ފުލުންގެ ފަރާތުން ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުމާއި އަދި ބައެއް ގައުމު ތަކުގައި ފުލުހުން އިސްވެ އާއްމުންގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވާ ކަންވެސް ފާހަގަ ކޮށްލެވެއެވެ. މީގެ ސަބަބުން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ކުރާ ހުރިހާ އަމަލަކަށް ގައުމު ތަކުގައި ވަނީ ނުރުހުން އިތުރު ވެފައެވެ.
ނަމަވެސް ސަލާމަތީ ފަރާތްތައް ނެތި މުޖުތަމައުގެ ހަމަޖެހުން ނުބެލެހެއްޓޭނެ ކަމާއި މެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ. އެހެން ކަމުން އެޕްރީލްގެ އެންމެ މުހިއްމު ބޭނުމަކީ އޭނަ، ފުލުހުން ކުރާމަސައްކަތައް ޝުކުރުވެރި ވާކަން ހާމަ ކުރުމެވެ. ހަގީގަތުގައިވެސް ފުލުހުންގެ މަދު ބަޔަކު ކުރާ ނޭއްގާނީ އަމަލަކުން މުޅި މުއައްސަސާގެ އަގު ވެއްޓި އެމީހުންނަށް ހައްގުވާ ޝުކުރު އަދާ ނުކޮށް ތިބެވިގެން ނުވާނެއެވެ. ފުލުހުންނަކީވެސް އިންސާނުންނަށް ވީތީ އިންސާނީ ތަބީއަތުގައި ހުންނަ އުނިކަން އެމީހުންގެ ތެރޭގައިވެސް އުޅޭ މަދުބައެއްގެ މެދުގައި ހުންނާނެކަން ގަބޫލު ކުރަންވާނެއެވެ. އެކަމަކު އެއީ މުޅި މުއައްސަސާކަމުގައި ބަލައިގެން ނުވާނެއެވެ.
އެހެންކަމުން އާއަހަރާއެކު ހުރިހާ އެންމެންވެސް ފުލުހުންގެ މަސައްކަތަށް ޝުކުރު އަދާކުރުމަށް ތެދުވާށެވެ. މީގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓޭނެއެވެ. ކޮންމެ މީހަކުވެސް އެމީހަކު ދުއްވާ ސައިކަލު، ކާރު، ޕިކަޕް، ލޮރީ އަދި އެހެނިހެން އުޅަނދު ތަކުގައި މިބުނާ ނޫކުލައިގެ ރޮނގު ކޮންމެވެސް ތަނެއްގައި ދަމާލާށެވެ.
މިއީ ފަރުދީ ކަމެއްގެ ގޮތުގައި ދެކި މިކަން ކުރުމަށް އެންމެން އަތުކުރި އޮޅާލާށެވެ. އާއަހަރާއެކު ކަންކަމުގައި ޚިޔާލު ތަފާތު ވިނަމަވެސް މިކަން ކުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭށެވެ. ކޮންމެ މީހަކުވެސް އެމީހަކު ކަމެއް ކުރުމުން ޝުކުރުވެރިކަމާއެކު ބަޔަކު ބަލައިގަންނަ ނަމަ ހިތްހަމަ ޖެހުމާއެކު އުފާވާނެއެވެ. އަދި ކުރާ މަސައްކަތް އިހުނަށްވުރެ ރަނގަޅު ކުރާނެއެވެ. މިބީދައިން ފުލުހުންނަށް ހައްގު ޝުކުރު އަދާކުރުމުގައި ފަސްނުޖެހޭށެވެ. އެއީ އެމީހުން ކުރާ މަސައްކަތް ރަނގަޅު ކުރުމުގެ މަގުސަދުގައެވެ.
މިކަން ކުރުމަށްފަހު ކޮންމެ މީހަކުވެސް ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ޕޯސްކުރާށެވެ. ފުލުހުން ގާނޫނު ވެރިކަން ދަމަހައްޓާ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ހިތްވަރު ދޭށެވެ. މުޖުތަމައުގެ އެންމެހާ ފަރުދުންގެ އިތުބާރު އެމީހުންނަށް އޮތްކަން ހާމަ ކޮށް އެމީހުންނަކީ ރައްޔިތުން އެދޭގޮތަށް ކަންތައް ކުރާ ބަޔަކަށް ހެދުމަށް ހިތްވަރު ދޭށެވެ. ރުޅުވެރި ކަމަކުން ކަމެއް ހައްލު ނުވާނެކަން ގަބޫލު ކުރާށެވެ. އާޚިރު ނަތީޖާ ހަމަޔަގީނުންވެސް އުފާވެރިކަން ގެނެސްދޭނެއެވެ.