English Edition
Dhivehi Edition

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގައި ފޭދޫ ސްކޫލާއި ބައްދަލުކުރި މެޗް، ސ.އަތޮޅު ސްކޫލުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ސ.އަތޮޅު ސްކޫލްގެ ޖާރޒީ ނަންބަރ 7، ހަސަން ސަހާފު ވަނީ 3 ގޯލް ޖަހައި، ހެޓްރިކެއް ހަދާފައެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ދެ ޓީމުންވެސް ވަނީ ވަރުގަދަ ޙަމަލާތަކެއް ރައްދުކޮޮށްފައެވެ.

މެޗްގައި ގިނަ ލަނޑުތަކެއް ސ.އަތޮޅު ސްކޫލުން ޖެހިއިރު، އެ ސްކޫލްގެ ޔަޝްފާން ވަނީ 1 ގޯލް ޖަހާފައެވެ. އަދި ޒާލިފް، 1 ގޯލް، ލުވައްޔު، 1 ގޯލް، ސައްޔާދު، 1 ގޯލް އަދި ރަޔަން ވަނީ 1 ގޯލް ޖަހާފައެވެ.

ދެ ސްކޫލުގެ ފަރާތުންވެސް ވާދަވެރި ސަޕޯރޓުކުރުމެއް ފެނިގެން ދިޔަ މި މެޗު ނިންމާލުމަށްފަހު ވާހަކަދައްކަމުން ޓީމްގެ ކެޕްޓަން ޙަސަން ސަހާފް ބުނީ ދެން އޮތް މެޗުން މޮޅުވެ، ފައިނަލަށް ދަތުރުކުރުމަކީ ޓީމުގެ އަމާޒެއް ކަމަށެވެ. އަދި އެކަން ކުރުމަށް ވީހައި ގިނަ މަސައްކަތެއް ކުރާނެ ކަމަށް ސަހާފް ބުންޏެވެ.

މަމެން އިންޓަރ ސްްކޫލް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ފުޓްބޯޅައަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކޮށް، އައްޑޫގެ ފުޓްބޯޅަ ކުރިއެރުވުމެވެ.

މިދިޔަ އަހަރު ފައިނަލްގައި ސ.އަތޮޅު ސްކޫލްވަނީ ކުޅެފައެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމުގެ ޝަރަފު ހޯދައި، ސ.އަތޮޅު ސްކޫލްގެ ގިނަ ކުޅުންތެރިންވަނީ ރަން ވަނަތަކެއް ޙާޞިލުކޮށްފައެވެ. ދެން ސ.އަތޮޅު މަދަރުސާގެ 16 އަހަރުންދަށުގެ އުމުރުފުރާ ވާދަކުރާނީ އިރުޝާދިއްޔާ ސްކޫލާއެވެ.