ޓެކްނޮލޮޖީގެ ހޯދުންތަކުގެ ތެރޭގައި ގަސްގަހާގެއްސާ ބެހޭ މި ސިއްރުތައް ހާމަކޮށްދެނީ އާމިނަތު ގުރީބް ފާކިމުް އެވެ.
“ދުނިޔޭގައިވާ ތަފާތު ދިރުންތައް ހިމެނޭ މުހިންމު ޖަގަހައަކު އަހަންނަށް ދިރިއުޅެވޭ ކަމީ އަހަރެން ވަރަށް އުފާ ކަމެއް.” އޭނާ ތަގުރީރު ފަށައިގަންނަމުން ބުންޏެވެ. ” އެ ޖަގަހައަކީ އިންޑިއާ ކަނޑުގައިވާ މަސްކަރީން ޖަޒީރާތައް. އެއީ މޮރިޝަސްއާއި ރޮޑްރީގް އާއި ރިޔުނިއަން އަދި މަޑަގަސްކާރ. މިތަނުގައި ދުނިޔޭގެ އެއްވެސް ތަނަކުން ނުފެންނަކަހަލަ ގަސްތައް ހެދިފައިވުމުގެ ނަސީބު ލިބިފައިވޭ. މިއަދު އަހަރެން ފަސްބާވަތެއްގެ އާދަޔާޚިލާފު ގަސްތަކަކާ ބެހޭ މައުލޫމާތު ހާމަ ކުރާނަން. އެއްގަހަކީ އެރަށްފުށުގެ މީހުން ބޭންޒުއާން Benzoin އޭ ކިޔާ ގަހެއް.. މިއީ ބެންޒޮއޭގެ އާއިލާގެ ތެރޭގައި ހިމެނޭ ގަހެއް. މިގަހަކީ ހަމައެކަނި މޮރިޝަޝްގައި ހެދޭ ގަހެއް. މިގަހުގެ ޚާއްސަކަމަކީ ތަފާތު ވަރުވަރަށް މީގެ ފަތްތައް ހުންނަކަން. މިގަސް ހެދިފައިވަނީ މައިރަށާ ވަރަށް ދުރުގައި. މިގަހުގައިވާ ޚާއްސަކަން މިއަށް އައިސްފައިވަނީ މިގަހުގެ ތަބީއީ ނިޒާމުގައި ހިމެނޭ ގޮތްތަކެއްގެ ސަބަބުން. މިސާލަކަށް ބުނާނަމަ އެތާ އުޅޭ ކަހަނބުތަކަށް އެގަސްތަކެއް ނުފެނޭ .އެއީ އޭގެ ލޮލަށް ސާފުކޮށް ނުފެންނާތީ. އެހެންވެ މިގަސް ހޯދައިގެން ކާކަށް އެ ކަހަނބުތަކަށް ނޭނގޭ. އެހެންކަމުން މިގަސްތައް މިވަނީ ސަލާމަތުން. ”
ދެން އޭނާ އެއްވެތިބި މީހުންނާ ސުވާލެއް ކުރިއެވެ.
“ކަލޭމެންގެ ހިތަށްއަރާނެ އަހަރެން މިވާހަކަ މިކިޔާދެނީ ކީއްވެހޭ؟ އަހަރެން މިވާހަކަ މިކިޔާދެނީ އަހަރެމެންގެ ގިނަ މީހުންނަށް ތަބީއީ މިއުފެދުންތަކުގައި ހިމެނޭ ކަންތައް ދެނެގަންނަން ނޭނގޭތީ. މިގަސްތަކަކީ ނުހަނު އަގުބޮޑުއެއްޗެއް. މީގެ ސަބަބުން އެހެނިހެން ގަސްގަހާގެއްސަށާއި ދިރޭތަކެތި ދިރިތިބުމަށް އެހީތެރިވޭ. މިކަންތަކުގެ އަގުވަޒަން ކުރާކަށް އަހަރެމެންނަކަށް ނުވެސް އެނގޭ. އަހަރެމެން ނޭނގުމުގެ ތެރޭގައި ތިބެ މިދަނީ މި ދިރުންތައް ހަލާކު ކުރަމުން.
އަހަރެމެން އެންމެންނަށް ވެސް އެނގޭ ގަސްތައް ކަނޑައި އެތަނުގައި މީހުން ވަޒަންވެރިވުމުން އެތަނެއްގެ ވެއްޓަށް ލިބޭ ބޮޑެތި ގެއްލުން. ދުނިޔެ ހޫނުވެގެން ނުވަތަ އެހެންވެސް މުސީބާތަކާ ގުޅިގެން ދިރުން ހުރި ތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ފަހު އެތި ގެއްލިދިއުމަކީ ކިހާވަރެއްގެ ކަމެއް ކަމެއް އަހަރެމެން ނުވިސްނަމު. ދިރޭ ތަކެތީގެ ތެރޭން އެންމެ ދަރިކޮޅެއް ގެއްލުނަސް އަހަރެމެންނަށް އެ ގެއްލިގެން ދަނީ ދުނިޔޭގެ ދިރުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ދިރުމެއް. އޭގެތެރޭގައި ބޭސްވެރިކަމަށް ބޭނުން ކުރެވޭ ގަސްތަކާއި އަދި ރީތިވާ ސާމާނު އުފައްދަން ބޭނުން ކުރެވޭ ބައިތައް އެކުލެވޭ ގަސްތައް ހިމެނޭ. ހަމައެފަދައިން ޖަނަވާރުތަކުގެ ދިރިތިބުމަށް ބޭނުންވާ ބައިތައްވެސް ދާއިމަށް ގެއްލިގެން ދާނެ.
މީގެ އެއް މިސާލަކީ މޮރިޝަޝްގައި ހުންނަ Dodo ޑޯޑޯ ދޫނި އަހަރެމެންނަށް އެނގޭ މިއީ މިހާރު ދުނިޔޭން ހުސްވެގެންދާ ދޫންޏެއްކަން. އަހަރެމެންނަށް އެނގޭ ގަސްގަހާގެެއްސަކީވެސް މުހިންމު ރޯލެއް އަދާ ކުރާއެއްޗެއްކަން. އެއީ އަހަރެމެންނަށް ކާނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް. އަދި އޮކްސީޖަން ލިއްބައިދޭ ވެސް އެއްޗެއް. މީގެ އިތުރުން އޭގައި ހިމެނޭ ބައިތައް އަހަރެމެން ފަރުވާތެރިކަމާއެކު ބަލައިފިނަމަ އަހަރެމެންނަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭނެ ވެސް އެއްޗެއް. އިންސާނުން އެތައް މިލިއަން އަހަރެއް ވަންދެން ގަސްގަހުގެ ބޭނުން އެތައް ގޮތަކަށް ހިފަމުން އައިސްފައިވޭ. ތަފާތު އެކިކަންކަމުގައި ގަސްގަހުގެ ބައިތައް ބޭނުންކޮށްފައިވޭ. އޭގެތެރޭންވެސް އެންމެ މުހިންމު ކަމަކީ ބޭހެއްގެ ގޮތުގައި އާދަކާދައިގެ ގޮތުން ގަސްތައް ބޭނުންކުރެވިފައި ހުންނަކަން. ދުނިޔޭގެ 4.1% ބިމުގައި ދިރިއުޅޭ 40% ދޫންޏަކާއި ޖަނަވާރެއްގެ ގޮވައްޗަކީ އުސްގަސްތައް. އަދި ބަނޑުލައި ދެމޭ ސޫފިތަކުގެ 35% ވެސް އުޅެނީ ގަސްގަހާގެހީގެ ތެރޭގައި. ބިމުގެ މި 1.4% އަކީ ތަފާތު ދިރުންތައް ދުނިޔޭގައި ދިރިއުޅެމުންގެންދާ ޖަގަހަ. އަދި މިތަނުގައި ބަލިކަށި އިންސާނުންގެ 35% ވެސް ދިރިއުޅެމުންގެންދޭ. ތިޔަ އެންމެންނަށްވެސް އެނގޭނެ ފަދައިން މޮރިޝަޝް ޖަޒީރާއަކީ އަހަރެން މަސައްކަތް ކުރާ، އަދި ދިރިއުޅޭ ތަން. މިއީ އެފަދަ ބައޯޑައިވަރސިޓީ ޖަގަހައެއް. އަހަރެން މިތަނުގެ ގަސްގަހާގެހި ބަލަމުންދަނީ އެއިން ނެރެވޭނެ ބޭސްވެރިކަމުގެ ފައިދާއަކީ ކޮބައިތޯ ބެލުމަށް. އަހަރެން އަދިވެސް އެއްފަހަރު މޮރިޝަޝްއިން ނޫންތަނަކުން ނުފެންނަ މި ބެންޒޮއޭ ގަހަށް ބަލާލާނަން. މިރަށުގެ މީހުން މިގަހުގެ ފަތުން ނަގާ އަރަގެއް ފެތުރޭ ބަލިމަޑުކަމަށް ފަރުވާ ދިނުމަށް ބޭނުންކުރޭ. އަހަރެމެން ސައެންޓިފިކް ގޮތުން މި ބޭސް ބެލިއިރު ތަފާތު އެތައްބާވަތުގެ ބެކްޓީރިއާ މިއިން ނައްތާލާތަން ފެނުނު. މިބެކްޓީރިއާއަކީ އިންސާނުންނަށް ބަލިޖައްސަފާނެ ޖަރާސީމެއް. އެންޓިބައޮޓިކްގެ ބާރު ކެނޑެމުންދާ ދަނޑިވަޅެއްގައި މިގަހުގެ ފަތުން ބޭހެއް ތައްޔާރު ނުކުރެވޭނެބާ؟ ތިއެންމެންނަށް އެނގޭނެ ފަދައިން އެންޓިބައޮޓިކް ބޭސް މަސައްކަތް ނުކުރުމަކީ ދުނިޔެއަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް. އަހަރެމެންނަށް ގަހުން އެބޭސް އުފެއްދިދާނެކަން ޔަގީން ނުވިނަމަވެސް މިގަސް ގެއްލި ދާތަން ދެކޭކަށް އަހަރެމެން ބޭނުމެއް ނުވޭ. އެކަމަކު ހިތާމަވެރި ހަގީގަތަކީ ތަބީއީ މާހައުލުން މިގަސް އިސާހިތަކު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފަައިވާކަން.
މިފަދަ އެހެން ގަހަކަށް ބަލާލާއިރު Baume de l’lle plate ބޯމްޑިލެޕްލޭ އޭ ކިޔާ މިގަހަކީވެސް ނެތިގެންދާ ގާތްވެފައިވާ ގަހެއް. މިގަހަކީ މަދު ބާވަތެއް. މިގަސް ފެންނަން ހުންނަނީ މޮރިޝަޝްގެ ބިމުގައި އެކަނި. ކުރީގައި މިގަސްތައް މައިރަށުގައި ވެސް ހުރި. އެކަމަކު އިމާރާތް ކުރުމުގެ ތެރޭގައި މިގަސްތައް ވަނީ މައިރަށާ ދުރަށް ޖައްސާލެވިފައި. އަހަރެމެން މިގަސް ނެތި ދިއުން ހުއްޓުވީ މަސްނޫއީގޮތުން މިގަސްތައް ދެމެހެއްޓުމަށް އަހަރެމެން ކުރި އީޖާދެއްގެ އެހީގައި. މިގަސްތައް މިހާރުދަނީ ވަލުތެރޭގައި ހެދެމުން. އަހަރެމެން މި ދަނޑިވަޅުގައި ބުނެލަން ބޭނުންވަނީ މި ގޮތަށް ވިޓްރޯ ޓެކްނީކް ބޭނުންކޮށްގެން ހުރިހާ ބާވަތެއްގެ ގަހެއް ނުހެއްދޭނެޔޭ. އަހަރެމެން އިންސާނުންވެސް އުފާވެރި މާހައުލެއްގައި އުޅެން ބޭނުންވާފަދައިން މިގަސްތައްވެސް އޭގެ ތަބީއީ ނިޒާމުގެ ތެރޭގައި ހެދެން ބޭނުންވޭ. މިގަސްތައް ތަބީއީ މާހައުލަށް ބޮޑު ބަދަލެއް އައުމުން މަރުވެ ދަނީ. އެހެންވެ މިގަސްތައް ހައްދަން ބޭނުންވަނީ ކޮންކަހަލަ މާހައުލެއްތޯ އަހަރެމެން ބަލަން ޖެހޭ.
ރަށްފުށުގެ މީހުން މިގަހުގެ ފަތުން ނޭވާލުމުގެ ނިޒާމަށް ފަރުވާދޭ. އަހަރެން ލެބޯޓަރީގައި މިފަތުން ނަގާދިޔަވަރު ޓެސްޓްކުރިން. މީގައި އެކުލެވޭ މާއްދާތައް ބޭސްފިހާރައިގައި ނޭވާހިއްލުމަށްދޭން ހުންނަ ބޭހުގައި ހުންނަ މާއްދާއެކޭ އެއްވެސް ތަފާތެއް ނުހުރޭ. މިގަސްތަކުގައި އެކުލެވޭ ހުރިހާ ސިއްރުތަކެއް ހޯދިއްޖެނަމަ އިންސާނިއްޔަތަށް ކިހާބޮޑު ފައިދާއެއް ކުރާނެކަން އެނގެނީ ކާކަށް؟
އަހަރެން އައިސް މިހިރީ ކުރިއަރަމުން އަންނަ ގައުމަކުން. އެތަނުގައި މީހުން ގިނަވެގެން ދިމާވާ މައްސަލަތައް އަހަންނަށް ފެނޭ. އެފްރިކާއަކީ ދުވަހެއް ދުވަހަކަށް މީހުން ޒުވާންވަމުންދާ ގައުމެއް. އަހަރެމެން މީހުން ގިނަވާ ވާހަކަ ދައްކާއިރު، ކާބޯތަކެތި ލިބެންހުންނާނެ ގޮތަކާމެދުވެސް ވިސްނަން ޖެހޭ. އެހެންވެ މި Baobab ބައޮބާބް އޭކިޔާ މިގަހަކީ އެކަމުގެ އެއް ހައްލު ކަމަށްވެދާނެ. މިއީ މީހުން އަޅާނުލައި ދޫކޮށްލާފައިވާ ވަރަށް ބޭނުންތެރި ގަހެއް. ހުޅަނގު އޭޝިއާގެ މަލަމަތިން މިގަސްތައް ފެންނަން ހުރޭ. މިގަހަކީ ހަޔާތުގެ ގަސްކަމަށް ބައެއް މީހުން ބުނެއުޅޭ. މިހެން އެމީހުން އެބުނާ ސަބަބުވެސް އަހަރެން ހާމަކޮށްދޭނަން. މިގަސްތައް ބިޔަކަމުން އެކަނިވެސް މިގަހަކީ އެހެނިހެން ގަސްތަކަށް ވުރެން އަރާހުރި ގަހެއްގެ ގޮތުގައި ފެނިގެންދޭ. މިގަސް އުފެދުމުގައި މިވަނީ ތަބީއީގޮތުން އެކޮޅުކޮޅުން ޖެހިފައި. އޭގެ މައްޗަށް ހުންނަނީ ފަތުގެ ބަދަލުގައި މޫތައް. މިއީ މީހުން އެކަކު އަނެކަކާ ދެބަސްވުމުން އެމައްސަލަ ހައްލުކުރަން ގޮސް އިށީނދެ ތިބޭ ގަސްދޮށްވެސްމެ. މިތަނުގައި މީހުން އިށީދެ ތިބެން ފެށުމުން ރަށުގެ އިސްވެރިން އެތަނަށް ގޮސް އެދިމާވެގެން އުޅޭ މައްސަލައެއް ހައްލުކޮށްދޭނެ. އަދި މުޖްތަމައުގެ އެއްބަޔަކު އަނެއްބަޔަކަށް އިތުބާރު އުފައްދައި އެކުވެރިކުރުވުމަށް ވެސް މިގަސްދޮށްތައް ބޭނުން ކުރެވެމުންދޭ. ސައެންޓިފިކް ގޮތުން ބަލާއިރު ބައުބާބް ގަސްތަކުގެ 8 ބާވަތެއް ދުނިޔޭގައި ހުރޭ. އެއްބާވަތެއް ހުރީ އެފްރިކާގައި. އަނެއް ބާވަތް ހުރީ އޮސްޓްރޭލިއާގައި. އަނެއް 6ބާވަތް ހުރީ މަޑަގަސްކާގައި. އެފްރިކާގައި ހުރި މިބާވަތުގެ ގަސް ދަރިމައި ކުރަނީ ވާލުގެ އެހީގައި. މީގެ މާތައް ފޮޅެނީ ރޭނގަޑަށް. މިގަހުގައި އަޅާ މޭވާއަކީ ރާމާމަކުނު އާފަލޭ ކިޔާ ބާވަތެއް. ރާމާ މަކުނަކީ ބުއްދި ނެތް ޖަނަވާރަކަށް ވިޔަސް ފައިދާހުރި ކާނާތައް ދެނެގަންނަން އެއެއްޗަށް އެނގޭ. ބައުބާބު މޭވާއެއް ކަނޑާލުމުން ހުދު ފުށްގަނޑެއް ކަހަލަ ބައެއް ފެންނަން ހުންނާނެ. މިއީ ހަށިގަނޑަށް ފައިދާ ކުރާ ކާނާއެއް. މީގައި ޕްރޮޓީން ހުންނަ މިންވަރު މިނިކިރަށް ވުރެން ގިނަ.”
އޭނާ އިތުރަށް ބާރުލާފައި ބުންޏެވެ.
“ތިޔަ އަޑު އެހީ ރަނގަޅަށް. އިންސާނީ ކިރަށް ވުރެން މި މޭވާގައި ހުންނަ ޕްރޮޓީން ގިނަ. އެހެންކަމުން ބާރުގަދަކޮށްފައިވާ ކާނާ އުފެއްދުމަށް މިގަހުގެ މޭވާތައް ސައެންސްވެރިން ވަނީ ބޭނުން ކުރަން ފަށާފައި. މީގެ އޮށްތަކުގައި ވާތެލަކީ ވަރުގަދަ ތެލެއް. މިތެލުގެ ބޭނުން ކުރެވެނީ ބޮޑީ ލޯޝަންފަދަ އުފެއްދުން ތަކަށް. އޭގެ ގަސްގަނޑުގައި ގިނަ އަދަދެއްގެ ފެން ރައްކާކުރެވިފައި ހުރޭ. އެއީ ދަތުރުވެރިން އެގަހުން ފެންބުމަށް ބޭނުން ކުރެވޭ ގަހެއް. މީގެ ފަތްތަކަކީ ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެއް. އެފްރިކާގެ މީހުން މިގަހަކީ ހަޔާތުގެ ގަހުގެ ގޮތުގައި ބުނެއުޅޭ ސަބަބު މިހާރު ތިޔަ އެންމެންނަށްވެސް އޮޅުންފިލާނެ. މިގަހުގެ ބިޔަކަމަށް ބަލާއިރުވެސް މީގައި އެކުލެވޭ ސިއްރުތައް ގިނަކަން އެނގިގެންދޭ. މިއީ އަދި އެންމެ ބާވަތެއްގެ ގަހެއް. މަޑަކަސްކާގައި މިއާއިލާގެ 6 ވައްތަރުގެ ގަހެއް އެބަހުރި. މިހުރިހާ ގަހެއްގައި ވެސް އެކުލެވޭ ކަންތައް ތަކެއް ވާނެ. އެނގޭކަމަކީ މިގަސްތައްވެސް މިދަނީ ހުސްވެގެން ދިއުމުގެ ބިރާ ކުރިމަތިވެފައި.
އަދިވެސް އަހަރެން އެފްރިކާގައި ހެދޭ ގަހަކަށް ބަލާލާނަން. މިގަސް މަޝްހޫރުވެފައިވަނީ މަރުވުމަށްފަހު އަލުން ދިރޭ ގަހެއްގެ ގޮތުގައި. މިގަސް ހޫނުގަދަވުމުގެ ގާތްގަނޑަކަށް ނުވަދިހަ އަށް% ހިކިގެންދޭ. ބަލާބެލުމަށް ހިކި ގަހެއް. އެކަމަކު ފެންއަޅާލީމާ ހަމަ ވަރަށް އަވަހަށް ފަތްފަޅައި އާރޯވެގެން ދޭ. އެންމެ ރެޔަކުން ނުވަތަ އެއްދުވަހުން އެގަސް ހަމަ މުޅީން ތާޒާވެ ހެދިގެން އައިސް މާއަޅާ. މިއި އަހަރެންނަށް އެންމެ ކަމުދާ ގަސް.
އަހަރެމެން އިންސާނުން އަބަދުވެސް ޒުވާންކަންމަތީ އުޅެން ބޭނުންވޭ. މުސްކުޅިވާކަށް އަހަރެމެން ބޭނުމެއް ނުވޭ. އަހަރެމެންނަށް ވާން އޮތްނަމަ ކީއްވެތަ އަހަރެމެން މުސްކުޅިވާން ބޭނުންވާންވީ؟ މިގަސް ހިކިފައިވާތަން ފެނުނީމާ ގަސްހައްދާ މީހާވެސް ބޭނުންވާނީ ގަސްތައް ކަނޑައި އުފުރާ އެއްލާލަން. އެކަމަކު ފެންއަޅާލީމާ ނިކަން ދެކެބަލަ މިގަސް ހެދި މާއަޅަން ފަށާ. އަޖާއިބުވެ ހައިރާންވާ ވަރުގެ ކަމެއް.
އަހަރެމެންގެ ހަށިގަނޑަށް އުމުރުން ދުވަސްވުމުން ވާގޮތްތަކަށް ބަލާއިރު އެކަންތައް ވަނީވެސް މިކަހަލަ ގޮތަކަށް. އަހަރެމެންގެ ހަމުގައި ހުންނަ ފެން ހިކި ހަމުގައި ރޫޖެހިގެން ދާން ފަށަނީ. އަހަރެމެން އަންހެނުން މިކަމާ ވަރަށް ކަންބޮޑުވާންވެސް ޖެހޭ.
ހަމުގެ ފަރުވާ އުފައްދާ މީހުންނަށް މިގަހުން ވަރަށް މުހިންމު ބައިތަކެއް ލިއްބައިދޭ. ހަމުގެ ބައިތަކަށް ފެންވާސިލުކޮށްދިނުމާއެކު ސެލްތަކަށްވެސް ގަދަކަން ގެނެސްދޭ. އަދި ވެށީގައި ހުންނަ ވިހަ މާއްދާތަކުން ސަލާމަތްކަން ގެނެސްދޭ. އަހަރެން މިގެނެސްދިން ހަތަރު މިސާލަކީ ހަނދާން އާކޮށްދިނުމަށް ގެނެސް ދެވުނު ވަރަށް ކުޑަކުޑަ ވާހަކަކޮޅެއް. އަހަރެމެންގެ ސިއްހަތު އަހަރެމެންގެ ތަބީއީ ނިޒާމާ ގުޅިފައިވުމަކީ އަހަރެމެންގެ ސިއްހަތަށް ކިހާ ބޭނުންތެރިކަމެއް ކަން މި ދައްކާ ދެވުނީ. އަހަރެމެންގެ ވެށި ރައްކާތެރިކުރުމަށް އަހަރެމެން ވަރަށް ސަމާލުކަން ދޭން ޖެހިފައިވާކަން މިހާމަކޮށްދެވުނީ.
ކޮންމެ ފަހަރަކު ގަހެއް ކަނޑާލުމުން، ކޮންމެފަހަރަކު ބިންގަނޑު ފޮރުވާލުމުން އެއާއެކު އެގެއްލިގެންދަނީ މުހިންމު ލެބޯޓަރީއެއް. އެއީ ދުވަހަކުވެސް އަނބުރާ ނުހޯދޭނެ އެއްޗެއް. އަހަރެން މޮރިޝަޝް އައުމުން އަހަންނަށް ޑޯޑޯ ދޫނި ގެއްލިއްޖެ.
އަހަރެން މިދައްކަނީ މަދު އަދި ވަކިތަނެއްގައި އެކަނި ހެދޭ ގަސްތަކެއްގެ ވާހަކަ. އެކަމަކު ގަސްތައް އެބަހުރި ހުރިހާ ތަނެއްގައި ހެދޭ ބާވަތްތަކެއްވެސް. އެފަދަ ގަސްތައް ހެދުމުގައި އޭގެ ވެއްޓަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާއެއްޗެއް.
ނިކަން ބަލާލަމާ Centelella asiatica ސެންޓެލާ އެޒިއެޓިކާއަށް. މިއީ ވިނައެއް. މިއީ އެފްރިކާގައިވެސް އަދި އޭޝިއާގައިވެސް އަދި ދުނިޔޭގެ އެތެއް ތަނެއްގައި ހެދޭ އެއްޗެއް. މިގަސް ކިތަންމެ ނިކަމެއްޗަކަސް މިގަހަކީ 1940 ވަނަ އަހަރު މަޑަގަސްކާގައި ފެތުރިގެންދިޔަ ޖުޒާމް ބައްޔަށް ފަރުވާދޭން ބޭނުން ކުރެވުނު ފައްޕިލާވެއްޔެއް. ދުނިޔޭގެ ހުރިހާތަނެއްގައި މިގަސް ހެދުނު ކަމުގައިވިޔަސް މީގެ އެންމެ ރަނގަޅު ކޮލިޓީ ލިބެން ހުންނަނީ މަޑަގަސްކާރގައި.
އެއީ އެ ގަހުގައި މުހިންމު ތިންބާވަތެއްގެ ކެމިކަލެއް ހުންނާތީ. މިހާރުވެސް ހަން މުސްކުޅިވެގެން ދިޔަ ނުދިނުމަށް ބޭނުން ކުރެވޭ ކްރީމްތަކުގައި މިގަހުގެ ބައިތައް އެކުލަވަން ފަށައިފި.
ބުނެއުޅޭ ގޮތުގައި އިންސާނުންނަށް އެނގޭ ކޮންމެ ބަލިމަޑުކަމެއް ފަސޭކަރުވޭނެ ބޭސް ކޮންމެވެސް ގަހަކުން ލިބެން ހުރެދާނެ. ކަލޭމެން ބުނެފާނެ، އެއީ މުސްކުޅިން ބުނާ އުވިފައިވާ ބަސްތަކެކޭ. އެކަމަކު މިހާރު ސައެންސްގެ އަލީގައި މި ނިކަމެތި ވިނަ ގަސްކޮޅަށް ބަލާލާއިރު އެއަކީ ވިނައެއް ނޫން. ވިނައޭ ކިޔާނެ އެކައްޗެއް ވެސް ނުހުރޭ. އެއީ ގަސްތަކެއް. އެއީ ދިރިހުންނަ ބައިލޮޖީގެ ލެބެއް. އޭގައި އަހަރެމެން ކުރާ ސުވާލުގެ ޖަވާބު އެކުލެވިދާނެވެސް މެ.
އެކަމަކު މިސުވާލުގެ ޖަވާބުވެސް އެބަ ދޭންޖެހޭ. އެގަސްތައް ދިރިތިބުމުގެ ހައްގު ލިބެން ޖެހޭހޭ؟ ”