English Edition
Dhivehi Edition

2000 މީހުންވެ ޖާގައިގެ އިސްލާމިކް ސެންޓަރެއް އައްޑޫ ސިޓީގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު އައްޑޫސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ކެމްޕެއިން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ އިއްޔެ އައްޑޫ ސިޓީ އަށް ވަޑައިގެންފައެވެ. މި ކެމްޕެއިންގެ ތެރެއިން ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ސިޓީން 68 އިންސައްތަ ރައްޔިތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އައްޑޫ ތަސައްވަރު ޙާސިލުކޮށްދިނުމަށް ސަރުކާރުން އައްޑޫގައި ހިންގާ މެގަ ޕްރޮޖެކްޓުގެ ތެރެއިން އިސްލާމިކް ސެންޓަރެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

“މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ އަޤީދާ ދިރުވައި، ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ރިވެތި ސިފަތައް ރައްޔިތުންގެ ހިތުގައި ދީނީ ލޯބި އިތުރުކުރުމަށް މި ސިޓީގައި އިސްލާމިކް ސެންޓަރެއްގައިވެސް ޤާއިމުކުރެވިގެންދާނެ.” ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އައްޑޫގައި ޤާއިމުކުރާ އިސްލާމިކް ސެންޓަރުގައި 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި، ލައިބްރަރީ އަދި ކޮންފެރެންސް ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.