English Edition
Dhivehi Edition
ރ.އާރަށުގައި ތަރައްޤީކޮށްފައިވާ 5 ތަރީގެ ލަކްޒަރީ ރިސޯޓު، ހެރިޓެންސް އާރަށް ރިސޯޓު މޯލްޑިވްސް ފަރާތުން އޯޕެންޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި އޯޕަންޑޭ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 2 ން 5 އަކަށް ރ.މީދޫ، ރ.މަޑުއްވަރި، ރ.އިނގުރައިދޫ، ރ.ރަސްމާދޫ، ރ.ދުވާފަރުގެ އިތުރުން ރ.އުނގޫފާރުގައެވެ. އާރަށް ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަނަވަރީ 2 ވަނަ ދުވަހު ހެނދުނު 10:00 މެންދުރު 12:00 އަށް ރ.މީދޫގައި ކަމަށާއި ހަމަ އެދުވަހު މެންދުރު ފަހު 14:00 ން ހަވީރު 16:00 އަށް ރ.މަޑުއްވަރީގައި ބެއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
ޖަނަވަރީ 3 ވަނަ ދުވަހު ހެނދުނު 10:00 ން މެންދުރު 12:00 އަށް ރ.އިނގުރައިދޫގައި މި އޯޕެންޑޭ ކުރިއަށްދާ އިރު އެދުވަހު މެންދުރު ފަހު 14:00 ން ހަވީރު 16:00 އަށް އޯޕަންޑޭ ކުރިއަށްދާނީ ރ.ރަސްމާދޫގައެވެ.
މީގެއިތުރުން ޖަނަވަރީ 5 ވަނަ ދުވަހު ހެނދުނު 10:00 ން މެންދުރު 12:00 ރ.ދުވާފަރުގައި އަދި މެންދުރު 14:00 ން ހަވީރު 16:00 ރ.އުނގޫފާރުގައި ވެސް މި އޯޕަންޑޭ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
އާރަށުގައި ތަރައްޤީކުރާ ރިސޯޓަކީ “އަދާރަން” ބުރޭންޑުގެ ދަށުން ރާއްޖޭގައި ރިސޯޓު ހިންގާ ސުރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އެއިޓްކެން ސްޕެންސް ހޮޓެލްސް އެންޑް ރިސޯޓްސް އިން އެކުންފުނީގެ އަނެއް ބުރޭންޑު ކަމުގައި “ހެރިޓެންސް” ބުރޭންޑުގެ ދަށުން ތަރައްޤީކުރާ ރިސޯޓެކެވެ.
އެކުންފުނީގެ “ހެރިޓެންސް ހޮޓެލްސް” ވެބުސައިޓުގައި ބުނެފައިވާ ގޮތުގައި އާރަށުގައި 82 ވޯޓާ ވިލާ އާއި އެއްގަމުގައި އަޅާ 75 ވިލާ ހުންނާނެއެވެ. އާރަށް ރިސޯޓު ހުޅުވޭނެ ކަމަށް އެކުންފުނިން ލަފާކޮށްފައި ވަނީ މި އަހަރުގެ ފެބުރުއަރީގައި ކަމެށްވެއެވެ.
އެކުންފުނިން އަދާރަން ބުރޭންޑުގެ ދަށުން ރ އަތޮޅު މީދުއްޕަރުގައި ހިންގާ އާދާރަން ސެލެކްޓް މީދުޕައްރު ހިމެނޭ ގޮތަށް ރާއްޖޭގައި އެ ބުރޭންޑުގެ 6 ރިސޯޓު ހިންގައެވެ. އާރަށް ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި އޯޕަންޑޭގައި އެ ރިސޯޓުގެ ފްރޮންޓް އޮފީސް، ހައުސްކީޕިން، ކިޗެން، އިންޖިނިއަރިން، އެފް އެން ބީ، އެކައުންޓްސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަފާތު އެތަށް ވަޒީފާތަކަކަށް ފުރުސަތު ހުޅުވާލާނެއެވެ.
މީގެ އިތުރުން އެ ރިސޯޓުގެ އިއުލާނުގައި ވާގޮތުން ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތު ހަމަނުވާ ނުވަތަ ބޭނުންވާ ތަޖުރިބާ ލިބިފައި ނެތްފަރާތްތަކުން އިތުރު ތަމްރީނު ހޯދުމަށް އެ ރިސޯޓުގެ އެޕްރެންޓިސް ޕްރޮގުރާމުގައި ބައިވެރިވުުމުގެ ފުރުސަތުވެސް ހުޅުވާލާކަމަށެވެ.