English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ސިފައިންގެ ވަޒީފާ ދިނުމަށް ހައިކޯޓުން މިއަދު ހުކުމް ކުރި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެ އިތުރުން،ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވެސް ރައީސް މިއަދު ވަނީ ޢައްޔަންކުރައްވާފައެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އަދި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ނޮވެމްބަރު، 2013 ގައި ޝަމާލް ސިފައިންގެ އިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަން ހާމަ ކުރުމުގެ ބޭނުމުގައި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެވެ.

ޝަމާލް ވަޒީފާއިން ވަކިކުރި މައްސަލައިގައި ހައިކޯޓުން ހުކުމްކުރީ ޝަމާލް ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށާއި އެހެން ކަމުން އޭނާއަށް ކުރީގައި ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސްތެރޭގައި އަލުން ދިނުމަށް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބުނު ދުވަހާއި ހަމައަށް އޭނާގެ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށެވެ.