English Edition
Dhivehi Edition

އަބަދުވެސް އިންޑިޔާގެ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާާޅުވެއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް އާއި ބޮޑުވަޒީރު މޯދީ އިއްޔެ ކުރެއްވެވި ބައްދަލުވުމުގައި މޯދީ ވިދާޅުވީ ވަކިން ޚާއްޞަކޮށް އިޖްތިމާއީ އަދި އިގްތިޞާދީ ގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާނެ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް އިބްރާހީމް މުހަންމަދު ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑިވަޒީރު ރާއްޖެއަށް މިދަތުރުފުޅު ކުރެއްވިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ.

ދެބޭފުޅުން މި ބައްދަލުކޮށްލެއްވުމުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަ ފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިންޑިޔާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުންވެސް، މި ބައްދަލުކުރެއްވުމުގައި ދެޤައުމުން އަހަންމިއްޔަތުކަންދޭ އެކިއެކި މައްސަލަތަކުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ދެޤައުމުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެއްވުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި އިންޑިޔާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.