ބަލްގޭރިއާގެ ޓީވީޗެނަލް އެއްކަމަށްވާ “ޓީވީއެން” ގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިއަކު ރޭޕްކޮށް މަރާލާފައި އޮތްވާ ފެނިއްޖެއެވެ.
އުމުރުން 30 އަހަރުގެ ވިކްޓޯރިއާ މަރިނޯވާ ގެ މަރާލާފައިވާ ހަށިގަނޑުފެނުނީ ޕެޑެސްޓްރިއަން އެލޭ އޭރިއާ އިން މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިހާދިސާ ތަހުގީގުރާ ޓީމުން ބުނެފައިވަނީ ވިކްޓޯރިއާ މަރުވެފައިވަނީ ބޮލަށް ލިބިފައިވާ ގެއްލުމަކުންނާއި ނޭވާހާސް ވެގެން ކަމަށެވެ. އަދި މަރާލުމުގެ ކުރިން ވިކްޓޯރިއާ ރޭޕްކޮށްފައި ވާކަމަށް އޭނަގެ ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ދައްކައެވެ. މިހާދިސާ އާގުޅިގެން ފުލުހުން ބުނެފައިވަނީ ވިކްޓޯރިއާ މަރާލާފައި ވަނީ އޭނަގެ ވަޒީފާގެ ގޮތުން ތޯ ނުވަތަ އެހެންގޮތަކުންތޯ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ. މަރު ތަހުގީގުކުރާޓީމުން ސައިކޮލޮޖީ ޓީމާގުޅިގެން ވިކްޓޯރިއާގެ ގާތިލު ހޯދުމުގައި ތަހުގީގު ފަށާފައި ވާއިރު އަދި އެއްވެސްމީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ރޫސް ގެ ޕްރޮސްކިއުޓަރ ޖެނެރަލް މީޑިއާ ވާހަކަދައްކަމުން ބުނެފައިވަނީ، ނޫސްވެރިޔާ މަރާލި ސަބަބު ހޯދަން އޭނަގެ އަމިއްލަ ދިރިއުޅުމާބެހޭ މައުލޫމާތު މިހާރު ހޯދަމުން ދާކަމަށާއި އޭނާ މަރުވެފައި އޮތްވާ ފެނުނުއިރު ލައިގެން ހުރި ހެދުމުގެ ބަޔަކާއި މޮބައިލްފޯން ،ކާރު އަދި ކާރުގެ ތަޅުދަނޑިވެސް ފެނިފައި ނުވާކަމަށެވެ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސް އޮފިޝަލުން ވިޔަފާރިވެރިންނާއި ގުޅިގެން ހިންގަމުން ގެންދާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކުގެ ޚަބަރުތައް އާންމުކޮށް ލިޔެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވިކްޓޯރިއާ މަރާލާފައިވާއިރު އޭނާ ދިޔައީ އީޔޫގެ ކޮރަޕްޝަންގެ ޖަރީމާތަކަށް ހާއްސަ ޓީވީ ޝޯވ އެއް ގެނެސްދެމުންނެވެ. އެޝޯވ ގައި އީޔޫގެ ކޮރަޕްޝަންގެ މައުލޫމާތު އެނގޭ ވަރަށް ގިނަ މީހުންގެ އިންޓަވިއުތައް ވެސްވަނީ ގެނެސްދީފައެވެ. އެހެންކަމުން އެއްބަޔަކު ބުނަމުންދަނީ އޭނަގެ މަރުގެ ފަަތުގައި މިމައްސަލަވުން އެކަށީގެންވާކަމަށެވެ.
ރޫސް ނަމަކަށް ކިޔާ ބަލްގޭރިއާގެ ސަރަހައްދެއްގައި ރޭޕްކޮށްމަރާލާފައިވާ ވިކްޓޯރިއާ މަރިނޯވާ ގެ މަރުގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު މިއީ ޔޫރަޕިއަން ސަރަހައްދުގައި މަރާލަފައިވާ ތިންވަނަ ނޫސް ރިޕޯޓަރ އެވެ.