English Edition
Dhivehi Edition
މިސްރުގެ ދުވަސްވެފައިވާ ޒިޔާރަތެއް ކޮނުމުގެ ތެރެއިން އާކިޔޮލޮޖިސްޓުންނަށް ވަރަށް ގިނަ އަހަރުވެފައިވާ ޗީޒްގަނޑެއް ފެނިއްޖެއެވެ.
މި ޗީޒްގަނޑު ފެނިފައި ވަނީ ކުރީޒަމާނުގައި މިސްރުގެ ގަދަރުވެރިއަކު ވަޅުލާފައި އޮތް ގަބުރުސްތާނަކުންނެވެ. މިގަބުރުސްތާނު އާކިޔޮލޮޖިސްޓުންނަށް ފެނި މިތަން ދިރާސާ ކުރާތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ. ފުރަތަމަ މިއެއްޗަކީ ވަކި އެއްޗެއްކަން ވަނީ ނޭގިފައެވެ. ނަމަވެސް ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި މިއީ ޗީޒްގަނޑެއްކަމަށް ވަނީ ކަށަވަރުވެފައެވެ. އަދި މި ޗީޒްގަނޑަށް 3200 ވަރަކަށް އަހަރު ވެދާނޭކަމަށް އެމީހުން ބުނެއެވެ.
ކަޓާނިޔާ ޔުނިވާސިޓީގެ ސައިންޓިސްޓެއް ކަމަށްވާ ޑރ އެންރިކޯ ގްރެކޯ ބުނީ މިއީ ދުނިއެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ޗީޒްގަނޑު ކަމަށެވެ. މިހާރު މި ޗީޒްގަނޑު އިތުރަށް ދިރާސާ ކުރުމަށް މިސްރުގައި ހުންނަ ކައިރޯ ޔުނިވާސިޓީއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑރ އެންރިކޯ ގްރެކޯ ބުންޏެވެ.
ޗީޒް ދިރާސާ ކުރާ މީހެއް އަދި ކެމިސްޓްރީ ޕްރޮފިސަރެއް ކަމަށްވާ ޕްރޮފިސާ ޕައުލް ކިންގްސްޓެޑް ނިޔުޔޯކް ޓައިމްސްއަށް އިންޓަވިއު ދެމުން ބުނީ މި ޗީޒްގަނޑަކީ ބަކަރި ކިރު އަދި ހިމާރު ކިރުން ތައްޔާރު ކޮށްފައިވާ ޗީޒްގަނޑެއް ކަމަށެވެ. މި ދިރާސާ ކުރި ސަރަހައްދަކީ ކައިރޯގެ ސައްގަރާ ނެކްލޯޕޯލިސް ކައިރިއެވެ. މިތަން ފެނިފައި ވަނީ 1885 ވަނަ އަހަރުގައެވެ. އެހިސާބަށް އައި ވެލީގެ ތޫފާނަކަށްފަހު މިތަން ގެއްލިފައިި އޮތުމަށްފަހު ފަހުން ފެނިފައިވަނީ 2010 ވަނަ އަހަރުގައެވެ.

ޓެގު