English Edition
Dhivehi Edition

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން 50 އަށްވުރެ ގިނަ ބައިވެރިންނާއެކު، ރާއްޖޭގައި މިއަދު ފަށައިފި އެވެ

ސްޕާކްހަބްއިން އިންތިޒާމްކޮށް، ދިރާގާއި ގުޅިގެން “އެންޖަލްހެކް މޯލްޑިވްސް” ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ މި ހެކަތޯންއަކީ ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުގެ 60 ސިޓީގައި ސިލްސިލާ ގޮތުގައި ކުރިއަށް ގެންދާ ހެކަތޯން އެވެ. މި ހެކަތޯން ރާއްޖޭގައި ފެށިއިރު ރާއްޖެއެކޭ އެއް ވަގުތެއްގައި އެހެން ހަތަރު ގައުމެއްގައި މިހާރުވެސް ކުރިއަށް އެބަ ގެންދެ އެވެ.

ގިނަ އަދަދެއްގެ ޑިވްލޮޕަރުންނާއި އައިޓީ ދާއިދާގެ ފަރާތްތައް ބައިވެރިވާ، އެންޖަލްހެކް މޯލްޑިވްސް ފައްޓަވައި ދެއްވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ މި ހެކަތޯންގައި ދިރާގުން ބައިވެރިވުމުގެ މަގުސަދަކީ ދިވެހި ޒުވާނުންނަށް އެހީތެރިވެ ދިނުން ކަމަށެވެ.

މީގެ އިތުރުން ވެސް ރަޝީދު ވިދާޅުވީ ދިރާގަކީ އަބަދުވެސް ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނާއި ގުޅޭ އެންމެހާ ކަންކަމުގައި ބައިވެރިވާ ކުންފުންޏެއް ކަމަށާއި ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ އެއް އަސާސްކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ “އޭންޖަލްހެކް” ދިރާގާއި ގުޅިގެން ބޭއްވުމަކީ ދިރާގަށް ލިބިގެންދާނެ ޝަރަފެއްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ މޮޅު ސޮފްޓްވެއާ ކޯޑާސް އިންނާއި، ޑެވެލޮޕާސްއިންނާއިއެކު މުޅި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އެންޖޭލްހެކް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ހުނަރުވެރިންނަށް ރާއްޖެ އިން ބޭރުން ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމެކެވެ.

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ހެކަތޯން ރާއްޖޭގައި މިއަދު ފަށާފައިވާއިރު މިއީ ގްލޯބަލް ސީރީޒްއެއް ގޮތުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދެވޭ ހެކަތޯން އެކެވެ.

އެންޖަލްހެކް ރާއްޖެ ގެނައި ސްޕާކްހަމް ކުންފުނީގެ މެނޭޖިން ޕާޓްނަރު އަލީ ހާރިސް މިއަދު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން ނޫން ކަމަށާ، މިއީ ދުނިޔޭގައި ވެސް އޮންނަ އެންމެ ބޮޑު އެއް ހެކަތޯން ކަމަށެވެ

މިއަދާއި މާދަމާ ހޮޓެލް ޖެންގައި ކުރިއަށްދާ އެންޖަލްހެކް މޯލްޑިވްސް އިވެންޓު އިންތިޒާމުކޮށް ރާއްޖެ އަށް ގެނެސްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސްޕާކްހަބް އިންނެވެ. މި ހެކްތޯންގައި ކޯޑު ކުރުމާއި ޕިޗް ވޯކްޝޮޕްތަކާއި އެ ނޫންވެސް ތަފާތު ވޯކްޝޮޕްތައް އޮންނާނެ އެވެ. އަދި މީގެ އިތުރުން ތަފާތު ޕްރޮގްރާމްތައް ފަރުމާ ކުރުން ވެސް މި ހެކަތޯންގައި ފެނިގެންދާނެ އެވެ.

މި ހެކަތޯން ކުރިއަށް ދަނީ ގްރޫޕުތަކުގެ ވެސް ބައިވެރިވެވޭ ގޮތަށެވެ. މިގޮތުން ގްރޫޕެއްގައި ފަސް މެންބަރުން ހިމެނޭނެ އެވެ.

އޭންޖަލްހެކް ގައި ބައިވެރިވިގެން އެއްވަނައަށްދާ ފަރާތަތަކަށް ސެންފްރެންސިސްކޯއަށް ގޮސް އޭންޖަލްހެކްގެ ގްލޯބަލް ޑެމޯ ޑޭގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.