English Edition
Dhivehi Edition

އައިނު ނުވަތަ ނަންބަރ އައިނު އަޅާ މީހުންނަކީ ތޫނުފިލި ބައެއްކަމަށް ސައިންސްވެރިން ބުނެފިއެވެ. ޖަރުމަނުގެ ޔުނިވަރސިޓީ އޮފް މެޑިކަލް ސެންޓަރގައި ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދެއްކި ގޮތުން އައިނު އަޅާ މީހުން ނުވަތަ ލޮލުގައި މައްސަލަ ހުންނަ މީހުން ކިޔެވުމަށް ގިނަވަގުތު ހޭދަ ކުރާކަމަށްވެއެވެ. އަދި އެމީހުން މަތީ ތަޢުލީމު އުގެނުމަށް ދާ މިންވަރުވެސް އިތުރުކަމަށް މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން ޖަރުމަނުގެ ނޫހަކުން ލޮލުގެ މައްސަލަ ހުންނަ 4600 މީހުން ބޭނުންކޮށްގެން ދިރާސާއެއް ހަދާފައިވެއެވެ. އެގޮތުން މިދިރާސާގައި ބައިވެރިވެފައި ވަނީ އުމުރުން 35 އަހަރާއި 74 އަހަރާއި ދެމެދުގެ މީހުންނެވެ. އެދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %53 މީހުން ކޮލެޖް ނިންމާފައިވާއިރު އޭގެ ތެރެއިން %24 މީހުން މަތީ ސާނަވީއިން ފާސްވެފައި ވެއެވެ. އެހެންކަމުން މިދިރާސާއިން އެނގުނު ގޮތުގައި އައިނު އަޅާމީހުން ކޮލެޖް ނުވަތަ ޔުނިވާސިޓީއަށް ދާ މިންވަރު ގިނަކަމެވެ. މިދިރާސާ އަށް ބަހުސް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކްލާސް ރޫމުގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ ލޮލުގެ ފެނުމަށް މައްސަލަ ޖެހޭކަމަށާއި، އެހެންކަމުން އެމީހުން އައިނު އަޅަން ޖެހޭކަމަށެވެ. ބްރިޓިޝްގެ ކޮލެޖް އޮފް އޮޕްތޮމެޓްރިސްޓްސް ގައި ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުން އެޤައުމުގެ ތިންބައިކުޅަ އެއްބައި މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން ފެންނަފެނުމަށް ގަދަރުހުރި ގޮތެއް ހުންނަކަމަށެވެ. އަދި %43 މީހުން ޤަބޫލުކުރާ ގޮތުގައި އައިނު އަޅާމީހުން މާބޮޑަށްވެސް ތޫނުފިލިއެވެ.   އެމެރިކާގެ ޑިފެންސް ލޯޔަރެއްކަމަށްވާ ހަރވޭއި ސޮލްވިސް 2011 ގައި ބުނެފައިވާ ގޮތުން އޭނާގެ މައްސަލަތަކުގައި ހިމެނޭ މީހުން ކޯޓަށް ގެންދާއިރު އެމީހުން އައިނު އަޅުވާކަމަށެވެ. ސަބަބަކީ އައިނު އެޅުމުން އެމީހުން ބުނާ ބަހަކީ ތެދެއްކަމަށް ޤަބޫލު ކުރާ މީހުން ގިނަކަމަށެވެ.   އެހެންކަމުން ހެދިފައިވާ ދިރާސާތަކާއި، ގިނަ މީހުން ބުނެފައިވާ ބުނުންތަކަށް ބަލާއިރު އައިނު އަޅާމީހުން އެހެން މީހުނަށް ވުރެ ދަސްކުރުމާއި، ދެނެގަތުމުގައި ކުރިއަރާފައިވާކަމަށް ޤަބޫލުކުރެވެއެވެ. އަދި އެމީހަކީ އައިނު އަޅާ މީހަކަށް ނުވިނަމަވެސް ވަޒީފާގެ އިންޓަވިއު އަށް ނުވަތަ ކޯޓަށް ދާއިރު އެމީހަކާއި ގުޅޭ ފްރޭމްގެ އައިނެއް އަޅައިގެން ދިޔުމަކީ ވެސް ތަފާތު ފެނިދާނެ ކަމެކެވެ. އެހެނީ ބައެއް ފަހަރު އެހެންމީހުން އޮޅުވާލުމަކީ ފައިދާ ކުރާނެ ކަމެކެވެ.   ’