English Edition
Dhivehi Edition
އާމިނަތު ރަހުމާ--- ފޮޓޯ ލުބްނާ މަޖީދު މުހްތާރު/ އޭއޯ ނިއުސް

ސ. މީދޫ ހުވަނދުމާވިލާ (ދޮންމަނިކުގެ) އާމިނަތު ރަޙުމާ، ނުވަތަ އާންމު ނަމުން ނަމަ ރަޙުމާއޭ ބުނުމުން އެނަން އައްޑު އަތޮޅުގެ ރަށްތަކަށް- ޚާއްސަކޮށް ހުޅުމީދޫއަށް އާ ނަމަކަށް ނުވާނެއެވެ. ދޮންމަނިކުގޭ މުޙައްމަދު ދީދީ އާއި އާރިފާގެ ދެވަނަ ދަރިފުޅު ރަޙުމާ މަޝްހޫރުވެފައި ވަނީ ލޮލުގެ ބަލިތަކަށް ޚާއްސަ ދިވެހި ބޭސްވެރިއެއްގެ ގޮތުގައެވެ.

ރަހުމާ ލޮލުގެ ބޭހެއް ތައްޔާރު ކުރަނީ– ފޮޓޯ/ ލުބްނާ މަޖީދު މުހްތާރު އޭއޯނިއުސް

ރަޙުމާ “އޭ.އޯ ނިއުސް” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ ބައްޕަ ފަރާތުގެ ކާފަގެ އާއިލާއިން އޭނާއަށް ދަސްވެފައިވާ ހުނަރެއް ކަމަށެވެ. އެހެންކަމުން ކާފަކުރަމުން އައި ކަމެއް ބައްޕަ ދަސްކުރުމަށް ފަހު ބައްޕަ ބޭނުންވީ ބައްޕަ މި ދުނިޔެ ދޫކުރުމުގެ ކުރިން ބައްޕަގެ ދަރިޔަކު މިކަން ދަސްކުރުމަށް ކަމަށް ވެސް ރަޙުމާ ބުންޏެވެ. ” ބައްޕަ އަހަރެން ވަރަށް ކުޑައިރު ގޭގެއަށް ލޮލުގެ ފަރުވާ ކުރުމަށް ދާއިރު އަހަރެން ގޮވައިގެން ދާނީ، އަދި ބޭސް ތައްޔާރު ކުރާއިރު އަބަދުވެސް އަހަންނަށް ކިޔައިދޭނެ.” ރަހުމާ ބުންޏެވެ. ރަޙުމާ ބުނެފައިވާ ގޮތުގައި ކާފައާއި މާމަ ބޭސް ކޮށްފައިވާ ގިނަ އަދަދެއްގެ މީހުން މިވަގުތުވެސް މީދޫގައި އުޅޭނެކަމަށެވެ. އެގޮތުން ކާފަގެ ފާހަގަ ކޮށްލެވޭ އެއް ފަރުވާއަކީ ލޮލުގެ ކޮއި ވެއްޓިގެން މީހެއްގެ ލޮލަށް ކުރި ފަރުވާއެކެވެ. ” ކޮއިވެއްޓުމުން ބޭރުގައުމަކަށް ދިޔަޔަސް ދެވޭނެ ފަރުވާއެއް ނޯވޭ، ނަމަވެސް ލޮލުގެ ކަޅި އެހެން މީހުންނަށް ފެންނަ ފެނުމަށް އާދައިގެ ލޮލެކޭ އެއްގޮތަށް ހީވާގޮތަށް ފަރުވާކޮށްފައިވާނެ. އެ ލޯ އަނދިރިވާނެ، ނަމަވެސް ބޭރަށް ފެންނާނީ ހަމަ ކަޅު ކަޅި އާދައިގެ ލޮލެކޭ އެއްގޮތަށް. މިއީ ބައްޕަ އާއި ކާފަގެ އެންމެ ފާހަނގަ ކޮށްލެވޭ އެއް ފަރުވާ- އައިބު ފިލުވުން”. ރަހުމާ އޭ.އޯ އަށް ކިޔައިދިނެވެ.

ރަހުމާ ފަރުވާދެމުންދާ މީހެއްގެ ލޯ ބަލާލަނީ

އާންމުކޮށް ރަޙުމާ ދެމުންދަނީ ލޮލުގެ ކޮންކަހަލަ ފަރުވާއެއް ތޯ އެހުމުން އެސުވާލުގެ ޖަވާބުގައި ރަޙުމާ ބުނެފައިވަނީ، ލޮލު ރޯގާ، ލޮލުގެ ނާރުގެ މައްސަލަ، ލޯފުސްވުން، އެސްވަޅުނެގުން، މަސްދިރިގެން، އެސްނާލި ވަޅު ބެދުން/ ފެޅުން، ލޯހިރުވުން އަދިވެސް ތަފާތު ލޮލޮގެ ބަލިތައް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް ރޭގަނޑު އަނދިރި، ދުވާލު ފެންނަ (ނައިޓް ބްލައިންޑްނެސް) ބަލި ހުންނަ މީހުންގެ ލޮލަށް ދެވޭނެ ދިވެހި ފަރުވާއެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ. ލޮލުގެ ބަލިތައް ލޯބެލުމަށްފަހު ދެނެގަންނަނީ ކިހިނެތްތޯ އެހުމުން ރަޙުމާ ބުނީ، ލޮލުގެ ބަލިތައް ދަނެގަނެވެނީވެސް ބައްޕަ ދަސްކޮށްދީފައި ވާތީ ކަމަށެވެ. ބައްޕަ ބޭސް ކުރަންދާއިރު ގޮވައިގެން ގޮސް ތަފާތު ލޯތައް ދެއްކުމަށްފަހު ލޮލުގެ އެކި އެކި މައްސަލަތައް ދަނެގަންނާނެ ގޮތް ކިޔައިދިނީމާ ކަމަށެވެ. “ލޮލުގެ ކަޅު ކަޅީގައި ހުންނަ ފާރުތައްވެސް އެނގޭ ހަމަ ބަލާލީމަ.” ރަޙުމާ ބުންޏެވެ.

ލޮލުގެ ބޭސްފަރުވާ ކުރަމުންދަނީ އާމްދަނީއެއް ހޯދުމަށްތޯ އެހުމުން ރަޙުމާ ބުނެފައިވަނީ އަބަދުވެސް މިމަސައްކަތް ކުރަނީ ކިފާޔަތުގެ ފަރުޞެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ދުރު ރަށްތަކުން އަންނަ މީހުން އެއްޗެއް ނުދީ ދާކަށް ހިތްހަމައެއް ނުޖެހެއޭ ބުނެ ކޮންމެވެސް އެއްޗެއް ދިއްކޮށްލާކަމަށް އޭނާ ބުންޏެވެ.

ލޮލުގެ ފަރުވާއަށް އަންނަ މީހުންނަށް ހިލޭސާބަހަށް ފަރުވާ ދޭއިރު ރަޙުމާ ބުނީ އެންމެ ހިތްހަމަ ޖެހެނީ ބަލި ފަސޭހަ ވިޔަސް ނުވިޔަސް، ކޮށްދިން ކަންތައް ދަނެގަނެ ޝުކުރު އަދާކުރާތީ ކަމަށެވެ. ލޮލުގެ ފަރުވާއަށް ބޭނުންކުރާ ބޭސް ހޯދަނީ ކިހިނެތްތޯ އެހުމުން ރަޙުމާ ބުނީ، ދިވެހި ބޭހަކީ ވަރަށް ތަދު އަދި އަގުބޮޑު އެއްޗެއް ކަމަށެވެ. އަބަދުވެސް ބޭސް ގަންނަނީ ލަންކާއިން ކަމަށެވެ. އަދި ބޭސް ތައްޔާރުކުރަނީ އަމިއްލައަށް ގަނެފައި ހުންނަ ބޭސް ބޭނުންކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ލޮލަށް އެޅުމަށް ބޭނުންކުރާ ކިރު (ބުއް) ހޯދަން ބުނަނީ ބަލިމީހާ ގާތުގައި ކަމަށް އޭނާ ބުންޏެވެ.

ރަޙުމާ ބުނެފައިވަނީ ކިފާޔަތުގެ ފަރުޟެއްގެ ގޮތުން ކޮށްދެމުން މިގެންދާތާ 41 އަހަރުވެފައިވާ ފަރުވާ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ކުރިއަށް ގެންދާނެކަމެވެ. ރަޙުމާ ފާހަނގަ ކޮށްފައިވަނީ ރަޙުމާގެ ދައްތަގެ ދުނިޔޭގައި ދައްތައަކީ ވެސް ބައްޕަ ފަދަ މޮޅު ބޭސްވެރިއެއް ކަމަށެވެ. ރަޙުމާ ބުނެފައިވާގޮތުން މިވީތަނަށް ފަރުވާ ހޯދަން އައި އެންމެންނަށް ހިތްހަމަޖެހޭ ވަރަށް ފަރުވާ ދެވިފައިވާކަން އެފަރާތްތަކުން އެނގުމަކީ މި މަސައްކަތުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބައެއް ފަހަރު ރިސޯޓް ތަކުންވެސް ގުޅާފައި ފަރުވާ ހޯދާނެގޮތް އެހުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.