އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ ރިސޯޓް އެންޑް ސްޕާ ކައިރިއަށް ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދުގެ 14:39 ހާއިރުއެވެ. މި ހާދިސާގައި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ދަނީ މަސައްކަތްކުރަމުންނެވެ.
ޓާގެޓް ދޯނިން ކަނޑަށް ވެއްޓިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތި ދެއެވެ.
އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓާގާޑް ނަމްބަރު 191 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.