އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ދައުލަތައް ނަގާފައިވާ ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރަން މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އިން ފެށިގެން އައްޑޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުން ގޯތިތައް ހަވާލުކުރުން ކުރިއަށް ގެންދެވޭނެ ކަމަށާއި އުއްމީދަކީ ޖުލައި 26 ގެ ކުރިން ހުރިހާ ބޭފުޅުންނާ ގޯތިތައް ހަވާލުކޮށް ނިންމުން ކަމަށެވެ.
އީސީސީ ހުރި ސަރަހައްދުން ގޯތި ދޫކުރާނެކަން އެންމެ ފުރަތަމަ އިއުލާންކުރީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބލުން ފާތިމަތު އިބްރާހީމް މިދިޔަ ފެބްރުއަރީ މަހު އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އީސީސީ ސަރަހައްދުން އަލުން ގޯތި ދޫކުރަން ނިންމިއިރު އީސީސީ އިމާރާތުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އަދި މިއަހަރު މި ހޮސްޕިޓަލް ހުޅުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ނަޝީދުގެ ސަރުކާރުގައި އެ ގޯތިތައް ނެގީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އީސީސީގެ މަޝްރޫއާ ގުޅިގެންނެވެ. އެ ގޯތިތައް ނެގީ ބަދަލު ދޭ ގޮތަށެވެ. އަދި އީސީސީ ހިމެނޭ ސަރަހައްދަކީ ފަޅުރަށެއްގެ ގޮތުގައިވެސް އޭރު ކަނޑައެޅިއެވެ.