English Edition
Dhivehi Edition

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތާލިބާނުން ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ 35 މީހަކު މަރާލައިފިއެވެ. މިއީ ކާބުލްގައި މިފަހުން ދެވުނު އެންމެ ނުރައްކާތެރިއެއް ހަމަލާއެވެ. މިހަމަލާގައި 35 މީހަކު މަރުވެ 40 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވާ ވާކަމަށް އަފްޣާން ސަރުކާރުގެ އިސް އޮފީޝަލަކު ވަނީ ވިދާޅުވިއެވެ. މިހަމަލާއަކީ އަފްޣާނިސްތާނު ސަރުކާރުގެ އެކިފަރާތަތަކަށް ދެމުން ގެންދާ ހަމަލާތަކުގެ ބައެކެވެ. މި ހަމަލާ ތަކުގައި މިއަހަރު މިހާތަނަށް 1700 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. މިހަމަލާ ދީފައި މިވަނީ ގިނައިން ޝީއީން ދިރިއުޅޭ ހިސާބެއްގައެވެ. ފުލުހުން ވަނީ މިސަރަހައްދު އެއްކޮށް ބަންދު ކޮށްފައެވެ. މި ސަރަހައްދަކީ އަފްޣާން ސަރުކާރުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް، މުހައްމަދު މޮހައްގިގްގެ ގެ ހުންނަ ސަރަހައްދުވެސްމެއެވެ. ޓްވިޓާރ މެދުވެރިކޮށް ތާލިބާނުންގެ ތަރުޖަމާން ބުނެފައިވަނީ މިހަމަލާގައި “އިންޓެލިޖެންސް” 37 މީހަކު މަރާލާފައި ވާކަމަށެވެ. އެމީހުން ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒު ވެފައި މިވަނީ އެމީހުން 2 މަސް ދުވަސް ވަންދެން ފާރަލަމުން ދިޔަ ދެބަހަކަށެވެ. ނަމަވެސް އަފްޣާނިސްތާނުގެ އިންޓެލިޖެންސް އިދާރާއިން ބުނެފައިވަނީ ހަމަލާ ދީފައިވަނީ ސަރުކާރުގެ ބަހަކަށް ކަމަށާއި ނަމަވެސް އެއިދާރާގެ އެއްވެސް މީހަކަށް އެ ހަމަލާ އަމާޒުވެފައި ނުވާ ކަމަށެވެ. އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިހަމަލާގައި 15 ފިހާރައަކަށާއި 3 އުޅަނދަކަށް ގެއްލުން ލިބިފައި ވާކަމަށެވެ. އަފްޣާނިސްތާނުގެ ދާޚިލީ ހަމަނުޖެހުމުގައި އާންމުންގެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އަދި ހަނގުރާމަވެރި ޖަމާއަތްތަކުން ދޭ ޖާނުން ފިދާވުމުގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން އެމެރިކާއިން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވުމުގެ ވިސްނުމެއް ގެންގުޅޭ ކަން އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ޓެގު